ފޮޓޯ:އަބްދުﷲ އަނޫފް ޖުނައިިދު / ދައުރު

އިންޑިއާއަށް ދަތުރުކުރާއިރު އެގައުމުގެ ކޮވިޑް ފިޔަވަޅުތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

ކޮވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް އިންޑިއާގައި ދިރިއުޅޭ އަދި އިންޑިއާއަށް ދިވެހިރާއްޖެއިން ދަތުރުކުރާ ދިވެހިން ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިންޑިއާގެ ކޮވިޑް ހާލަތު އަނެއްކާވެސް ގޯސްވަމުން އަންނާތީވެ އަޅައިފައިވާ ފިޔަވަޅުތަށް އިތުރަށް ހަރުދަނާކުރުމުގެ މި މަހުގެ 11 ވަނަ ދުވަހުގެ ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތައް 7 (ހަތެއް) ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.

އެގޮތުން އިންޑިއާ އަށް ދަތުރުކުރާ ފަރާތްތަކުން ގޭގައި 7 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުންވެސް، އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަންކަމާއި ފިޔަވަޅުތައް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެއީ:

  • މިގޮތަށް ހަމަޖެއްސުމުގެ އިތުރަށް އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ކޮވިޑް-19 RT-PCR ނެގެޓިވް ޓެސްޓް ނަތީޖާ ހުށައަޅައި، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މަޢުލޫމާތު ހިމަނައި، ހުށަހަޅާ މަޢުލޫމާތުގެ ޞައްޙަކަމަށާއި، ކޮވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލު ކުރަން އިޤުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއަރ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފައި ވުން.
  • 7 ދުވަހުގެ ކަރަންޓީނަށްފަހު 8 ވަނަ ދުވަހު ހައްދާ ކޮވިޑް-19 RT-PCR ޓެސްޓުގެ ނަތީޖާ ނެގަޓިވް ވުމުން ގެއިން ނުކުމެވުނަސް، އިތުރު 7 (ހަތެއް) ދުވަސް ވަންދެން އެމީހެއްގެ ޞިއްޙަތު އަމިއްލައަށް މޮނިޓަރ ކުރަމުން ދާންޖެހުން
  • އަދި މި ޓެސްޓުގެ ނަތީޖާ "އެއަރ ސުވިދާ" ޕޯޓަލްއަށް އަޕްލޯޑު ކުރަންޖެހުން.
  • މީގެ އިތުރުން، ކޮންމެ ފްލައިޓަކުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން %2 (އިންސައްތަ) މީހުން ރެންޑަމްކޮށް އެއަރޕޯޓުގައި ޓެސްޓްކުރާ ގޮތަށް ނަިންމައިފައި ވުން

ފޮރިން މިނިސްޓްރީން ބުނީ، މި ފިޔަވަޅުތައް މިގޮތަށް ހުރި ނަމަވެސް، އެ ޤައުމަށް، އެކުގައި ދަތުރުކުރާ 5 އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށްފަހު 8 ވަނަ ދުވަހުގެ ޓެސްޓު ހައްދާކަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެ ޤައުމަށް އެތެރެވާއިރު، ނުވަތަ ގޭގައި ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޓެސްޓު ހައްދައި ކޮވިޑް-19 އަށް ފައްސިވާ ފަރާތްތައް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަހެރިވެ ފަރުވާ ހޯދަންޖެހޭނެ ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.

އެހެންކަމުން މި ފިޔަޅުތަކާގުޅިގެން، އިންޑިއާގައި ދިރިއުޅޭ އަދި އިންޑިއާއަށް ދިވެހިރާއްޖެއިން ދަތުރުކުރަން ޤަޞްދުކުރާ ފަރާތްތައް މިކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ