ވެކްސިން ފުރިހަމަކޮށްފައި ނުވާ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެއަށް އެތެރެވުމަށް ފަހު 14 ދުވަހު ކަރަންޓީނު ވާން ޖެހޭ ގޮތަށް ހަދައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަދައިފައިވާ އުސޫލުތައް ވަރުގަދަކޮށްފި އެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުން ފެނިފައިވާ ސަރސްކޯވީ-2 ވައިރަސްގެ އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، އެޗްޕީއޭއިން އަޅައިފައިވާ އައު ފިޔަވަޅުތައް ރޭ ވަނީ އިއުލާންކޮށްފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އިއުލާނުގައި އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން އެ އުސޫލުތަކަށް އަމަލުކުރަން ފަށާނެ ކަމަށެވެ. އެގޮތުން އެ އުސޫލުތަކަކީ:
- ރާއްޖޭން ބޭރުން އަންނަ އެންމެން (ޓޫރިސްޓުން ވެސް ހިމެނޭ ގޮތަށް) ރާއްޖެއަށް ދަތުރު ފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުން؛ މިގޮތަށް ދަތުރުކުރާ މީހުންނާއި އެކުގައި ދަތުރުކުރާ 1 (އެކެއް) އަހަރުން ދަށުގެ ތުއްތު ކުދިން ޕީ.ސީ.އާރު ޓެސްޓު ހެދުމުން އިސްތިސްނާ ވާނެއެވެ.
- ފަތުރު ވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު، 3 (ތިނެއް) ދުވަހާއި 5 (ފަހެއް) ދުވަހުގެ ތެރޭގައި ޕީ.ސީ.އާރު ޓެސްޓް ހެދުން.
- ކޮވިޑު-19 ގެ ވެކްސިން ފުރިހަމަވެފައިނުވާ، ދިވެހިންނާއި ވޯރކްޕަރމިޓް ހޯލްޑަރުން ރާއްޖެ 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނުވުން. މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެއެވެ. އަދި މިފަރާތްތައްކަރަންޓީނުން ދޫކޮށްލެވޭނީ 14 (ސާދަ) ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.
މީގެ އިތުރުން، އޮމިކްރޮން އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ދެކުނު އެފްރިކާ ސަރައްދުގެ 7 ގައުމަކުން ރާއްޖެއަށް އެތެރެވުން މަނާކުރިނަމަވެސް، އެ ނިންމުން އެޗްޕީއޭއިން އިއްޔެ ވަނީ ބާތިލުކޮށްފަ އެވެ.
ރާއްޖޭން މިހާތަނަށް އޮމިކްރޮންގެ ފަސް ކޭސް ފެނިފައިވެއެވެ. އެއީ ހުސް ޓުއުރިސްޓުންގެ ފަރާތުންނެވެ.



