ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން މަނާކުރި ނިންމުން ބާތިލުކޮށްފި

ދެކުނު އެފްރިކާއިން ފެނިގެން އުޅޭ  ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޮންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފައި އޮތް އޮތުން އެޗްޕީއޭ އިން ބާތިލުކޮށްފި އެވެ.

ސައުތު އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސަރސްކޯވ-2 ވައިރަސްގެ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރި ގައުމުތަކަކީ، ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ، އެސްވާޓިނީ އެވެ. އެޗްޕީއޭ އިން ރޭ ވަނީ މި ނިންމުން އުވާލައިފަ އެވެ.

ނަމަވެސް ވެކްސިން ފުރިހަމަކޮށްފައި ނުވާ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެއަށް އެތެރެވުމަށް ފަހު 14 ދުވަހު ކަރަންޓީނު ވާން ޖެހޭ ގޮތަށް ހަދައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަދައިފައިވާ އުސޫލުތައް އެޗްޕީއޭ އިން ވަނީ ވަރުގަދަކޮށްފައެވެ.

އެގޮތުން އެ އުސޫލުތަކަކީ:

  • ރާއްޖޭން ބޭރުން އަންނަ އެންމެން (ޓޫރިސްޓުން ވެސް ހިމެނޭ ގޮތަށް) ރާއްޖެއަށް ދަތުރު ފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުން؛ މިގޮތަށް ދަތުރުކުރާ މީހުންނާއި އެކުގައި ދަތުރުކުރާ 1 (އެކެއް) އަހަރުން ދަށުގެ ތުއްތު ކުދިން ޕީ.ސީ.އާރު ޓެސްޓު ހެދުމުން އިސްތިސްނާ ވާނެއެވެ.
  • ފަތުރު ވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު، 3 (ތިނެއް) ދުވަހާއި 5 (ފަހެއް) ދުވަހުގެ ތެރޭގައި ޕީ.ސީ.އާރު ޓެސްޓް ހެދުން.
  • ކޮވިޑު-19 ގެ ވެކްސިން ފުރިހަމަވެފައިނުވާ، ދިވެހިންނާއި ވޯރކްޕަރމިޓް ހޯލްޑަރުން ރާއްޖެ 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނުވުން. މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެއެވެ. އަދި މިފަރާތްތައްކަރަންޓީނުން ދޫކޮށްލެވޭނީ 14 (ސާދަ) ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

ރާއްޖޭން މިހާތަނަށް އޮމިކްރޮންގެ ފަސް ކޭސް ފެނިފައިވެއެވެ. އެއީ ހުސް ޓުއުރިސްޓުންގެ ފަރާތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ