ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ބީލަމުގެ އުސޫލުން 60 ގޯތި ވިއްކަން ހުޅުވާލައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލެ ދެވަނަފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 14603.07(އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި 2,633.93 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް ނުވައެއް ތިނެއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 (ފަސްދޮޅަސް) ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. ބީލަން ހުށަހެޅުން ކުރިއަށް ދާނީ 4 މަރުހަލާއަކަށް ބަހާލައިގެން އެކި ތާރީހުތަކުގައެވެ.
އެޗްޑީސީން ބުނީ ފުރަތަމަ މަރުހަލާގައި، ބީލަމަށް އެދޭ ފޯމު ވިއްކުން 2 ޖެނުވަރީ ވާ އާދިއްތަ ދުވަހުން ފެށިގެން ންނަ ޖެނުއަރީ 31 ގެ ނިޔަލަށް [email protected] އަށް މެއިލް ކުރާ މީހުންނަށް ލިބޭނެ ކަމަށެވެ. އަދި އެއަށްފަހު އަންނަ ފެބްރުއަރީ ތިން ވަނަ ދުވަހުގެ ހަވީރު 3:30 ގެ ކުރިން އެ މެއިލް މެދުވެރިކޮށް، އެކަމުގެ މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބިންތައް ވިއްކަން ނިންމާފައިވަނީ ހުޅުމާލޭގެ އަތިރިމަތީ "ބީޗް ފްރޮންޓު" ސަރަހައްދުންނާއި އަދި އަތިރިމަތި ކައިރިން "ބީޗު ސައިޑު" ނެވެ.
އެޗްޑީސީން ބުނީ، ބީޗް ފްރަންޓުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ހުށަހެޅުން އޮންނާނީ ފެބްރުއަރީ 9 ގަ އި ކަމަށެވެ. އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ބިން ގަންނަން ބޭނުންވާ މީހުންގެ ފޯމު ބަލައިގަންނާނީ ފެބްރުއަރީ 16 ގަ ކަމަށެވެ. ފޯމު ބަލައިގަންނާނީ އެ އިން ކޮންމެ ތާރީހެއްގެ ވެސް ހެނދުނު 9 އިން މެންދުރު 12 އަށެވެ.
ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާން ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 320،000ރ. އެވެ. އަތިރިމައްޗާއި ކުރިމަތިން ދޫކުރާ 26 ގޯއްޗަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 3،900 ރުފިޔާއެވެ. އަދި އަތިރިމައްޗާއި ކައިރިން ދޫކުރާ 34 ގޯއްޗަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 3500 ރުފިޔާއެވެ.




