އާ އަހަރާ ދިމާކޮށް މާލޭގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
މާލެ ސިޓީގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ހަރަކާތެކެވެ. މި ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށިގެންދިޔަ ޕްރޮގްރާމެކެވެ.
އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް މިއަދު ފައްޓަވައިދެއްވީ މާލެ ސިޓީ ކައުންސިލަށް އެންމެ ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ، މާލެ ސިޓީކައުންސިލްގެ ސީނިއަރ އެކައުންޓްސް އޮފިސަރ އަބްދުﷲ ރަމީޒް އެވެ.

އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު މި ހަރަކާތް ވިލިމާލޭގައި ކުރިއަށްގެންދިޔުމަށްވެސް ވަނީ ނިންމައިފައެވެ. މި ޕްރޮގްރާމުގެ ދަށުން މާލޭގެ މަގުތަކާއި ޕާކުތަކުގައި ގަސް އިންދާނެ އެވެ. އަދި އިންދާ ގަސްތަކުގެ ތެރޭގައި ހިތިގަހާއި ދަނބުގަހާއި ސައްކެޔޮ ގަސް ފަދަ ގަސްތައް ހިމެނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މާލޭގައި ހަދައިފައި ހުރި ގިނަ ޕާކްތައް ވީރާނާވެފައި ހުރުމުގެ ސަބަބުން، އެތަންތަން އަލުން މަރާމާތް ކޮށް މިއަހަރަށް ނިންމާނެ ކަމަށްވެސް މޭޔަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މިހާރުވެސް އެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ.
އެގޮތުން ފަތުރުވެރިންވެސް ގޮސް އުޅޭ، އަދި ގިނަ މުނާސަބުތައް ފާހަގަކުރާ ޖުމްހޫރީ މައިދާން ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް، އެތަނުގައި ވިނަ އިންދުމުގެ މަސައްކަތް ފަށާ، އެތަނުގައި ހުރި ފެންއަރުވާ ވަޑާންވެސް އަލުން މަރާމާތްކޮށް މިދިޔަ މަހު ވަނީ ހުޅުވައިފައެވެ.



