20 ރަށެއްގައި ފެނާއި ނަރުދަމާ އަޅަން އެޗްއެސްބީސީ މޯލްޑިވްސް އިން، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އަށް 154 މިލިއަން ރުފިޔާގެ ލޯނެއް ދީފިއެވެ.
އެމްޑަބްލިޔުއެސްސީން އެޗްބީސީ އިން ހަމަޖައްސައިން މި ފަންޑު ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ، ރާއްޖޭގެ 20 ރަށަކަށް ފެނާއި ނަރުދަމާ ގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއުތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގެ ހިދުމަތް ދިނުމަށް ކަމަށެވެ.
އެޗްބީސީން އެމްޑަބްލިޔުއެސްސީއަށް ފަންޑު ހަމަޖައްސައިދީފައި މިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް މި ސަރުކާރުން މިއަހަރަށް ކަނޑައަޅައިފައިވާ ލަނޑުދަނޑީގެ ތެރެއިން، އެމްޑަބްލިޔުއެސްސީއަށް ހަވާލުކޮށްފައިވާ، ރާއްޖޭގެ 20 ރަށަކަށް ފެނާއި ނަރުދަމާ ގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއުތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގެ ހިދުމަތް ދިނުމަށް ހަރަދު ކުރުމަށެވެ.
މިކަމާ ގުޅިގެން އެޗްއެސްބީސީގެ ރާއްޖޭގެ މެނޭޖަރު ދިލްޝަން ޕެރޭރާ ވިދާޅުވީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި އެކި ގޮތްގޮތުން ދިވެހި ގައުމަށް އެހީތެރިވުމަށް އެޗްއެސްބީސީން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ވޭ، އެމްޑަބްލިޔުއެސްސީއާ ގުޅިގެން މި މަޝްރޫޢު ކާމިޔާބު ކުރުމަށްޓަކައި ހިއްސާ ވެވޭތީ ފަހުރުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެޑައިގެންއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން ފެނުގެ ނިޒާމް ގާއިމްވެފައި އޮތީ 37 ރަށެއްގަ އެވެ. އަދި ނަރުދަމާ އޮތީ 69 ރަށެއްގަ އެވެ.
މި ވަގުތު 48 ރަށެއްގަ ނަރުދަމާގެ މަސައްކަތް މި ސަރުކާރުން ކުރިއަށްދާއިރު, 60 ރަށެއްގައި ފެނުގެ ނިޒާމްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އަދި 32 ރަށެއްގައި ނަރުދަމާ އަދި 53 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އަދި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތް 23 ރަށެއްގައި ޙިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ކުންފުނިތަކާއި ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ގަ އެވެ. ސަރުކާރުން އަމާޒު ހިފައިފައި ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށެވެ.



