ހުޅުމާލޭގައި ޤާއިމުކުރާ ފެން ރައްކާކުރާ ޕްލާންޓު އަންނަ ހަފްތާގައި ބޭނުން ކުރަން ފެށޭނެ: މަޠީން

ހުޅުމާލޭގައި ފެން ރައްކާކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ޤާއިމުކުރާ 10،000 ޓަނުގެ ފެން ޕްލާންޓު އަންނަ ހަފްތާގައި ބޭނުންކުރަން ފެށޭނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަޠީން ވިދާޅުވީ، މިއީ ރާއްޖޭގައި މިހާތަނަށް ބަހައްޓާ އެންމެ ބޮޑު ފެން ތާނގީ ކަމަށާއި، މި ތާނގީ ބޭނުންކުރަން ފެށުމާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ކަމަށާއި، މިހާރު ވަނީ މަސައްކަތް ނިމިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލޭގައި 10،000 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް ހިޓާޗީއާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި، މި މަސައްކަތަށް ބޭނުންވާ އިމާރާތުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށް މަޠީން ވިދާޅުވިއެވެ. "ޕްރޮޑަކްޝަން ކެޕޭސިޓީގެ ބޭނުންވާ ފެސިލިޓީ އިންސްޓޯލްކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދަނީ. އަމާޒަކީ މި މަސައްކަތްތައްވެސް މިއަހަރުގެ ތެރޭގައި ނިންމުން،" މަޠީން ވިދާޅުވިއެވެ.

ހުޅުމާލޭގެ އިތުރުން މާލޭގައިވެސް ފެން ރައްކާކުރެވޭ ނިސްބަތް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން 13،000 ޓަނުގެ ދެ ފެން ތާނގީގެ މަސައްކަތް އެމްޑަބްލިއުއެސްސީން ދަނީ ކުރިއަށް ގެންދަމުންނެވެ.

މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސިނަމާލެ ބްރިޖު މެދުވެރިކޮށް މާލެ-ހުޅުމާލޭ ފެނުގެ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މި ވިއުގަ މިހާރު ވަނީ ވަގުތީގޮތުން ބޭނުންކުރަން ފަށާފައެވެ. އަދި މިއަހަރުގެ ތެރޭގައި ދާއިމީކޮށް ބޭނުންކުރަން ފެށުމަށް ވަނީ ރޭވިފައެވެ. މި ނިޒާމު ދާއިމީކޮށް ބޭނުންކުރަން ފެށުމުން ދުވާލެއްގެ މައްޗަށް 20،000 ޓަނުގެ ފެން އުފުލޭނެ ކަމަށް މަޠީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ