ރާއްޖޭގައި މިދުވަސްވަރު މީހުން ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީވެ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ، ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާތައް ޖެހިގެން މިދުވަސްވަރު މީހުން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ބޭރަށް ހިންގުމާއެކު ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން ބޭރަށް ހިންގުމުގެ އިތުރުން ތިރީގައި މިވާ އަލާމާތްތައް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށ އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އެއީ:
- ވަރަށް ބޮޑަށް ކަރު ހިއްކުން
- ބޮލަށް އެނބުރުން އެރުން
- ވަރުދެރަވެ ދިޔާތަކެތި ނުބޮވުން.
- ކުޑަކަމުދެވޭ މިންވަރު ދަށްވުން.
- ގިނަގިނައިން ހޮޑުލެވުން
- ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތީގައި ލޭ ހުރުން
- ވަރަށް ގަދަޔަށް ބަނޑުގައި ރިއްސުން
މީގެ އިތުރުން ބޭރަށް ހިންގައި ހޮޑުލެވޭނަމަ ގިނަގިނަިއން ލޮނުޕެކެޓު، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށާއި، ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
އަދި ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ 1 ދުވަސް ވަންދެން ސްކޫލަށް ނުފޮނުވާ، މަސައްކަތަށް ނުނިކުމެ ގޭގައި އަރާމު ކުރުމަށާއި، އާންމުން އެއްވެ އުޅޭ ސަރަހައްދު ތަކަށް ނިކުމެ އުޅުން މަދުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.




