މާލޭގައި ހުންނަ ޑަޗް ކޮންސިއުލޭޓަށް ވަދެ އަމިއްލައަށް ކުޑަ ކޮޓަރިއެއްގައި ބަންދުވާން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި، ރޭ ޑަޗް ކޮންސިއުލޭޓްގެ ތެރޭގައި ހުންނަށް ކޮޓަރިއަކަށް ވަދެ އަމިއްލައަށް ބަންދުވާން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ބިދޭސީއެއް ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ކޮންސިއުލޭޓުން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެމީހާ އެތަނުން ނުކުންނަން ދެކޮޅު ހަދައި، އަމިއްލަ ނަފްސަށް ގެއްލުން ދީފާނެކަމަށް ބެލެވޭތީ ކޮންސިއުލޭޓުން ފުލުހުންނަށް ރިޕޯޓުކުރީ ކަމަށް ފުލުހުން ފާހަގަކުރި އެވެ.
ކޮޓަރީގައި އަމިއްލައަށް ބަންދުވާން އުޅުނު ބިދޭސީމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުން އެތަނުގެ އެތެރެއަށް ވަދެ، ބާރުގެ ބޭނުން ކޮށްގެން ގަދަކުން އެމީހާ އެކޮޓަރިން ނެރިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހާ ވަނީ ކޮންސިއުލޭޓަށް ވަދެ އޭނާ އަށް ވިސާ ނުދީފިނަމަ އެތަން ގޮއްވާލައިގެން އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ. މި ބިދޭސީ މީހާއަކީ އީރާނަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ޑަޗް ކޮންސިއުލޭޓް ހުންނަނީ އެސްޓީއޯ އައިފާނު ބިލްޑިންގަ އެވެ.



