މިއަދުގެ ޕޮޒިޓިވް އަދަދު 200އިން މަތީގައި، ގިނަ ކޭސްތައް މާލެއިން

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ރެކޯޑު އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިއްޔެ 18:00 އިން މިއަދުގެ ހަވީރުގެ އެވަގުތައް ރާއްޖެއިން ޖުމްލަ 242 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.

ފާއިތުވި 24 ގަޑިއިރު ޓެސްޓުކުރި 3740 ސާމްޕަލްގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުން 97 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 78 މީހެކެވެ. މީގެ އިތުރުން ރިސޯޓުތަކުންވެސް 66 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ދާދިފަހަކާ ޖެހެންދެން ރާއްޖެއިން ނަގާ ކޮވިޑް ސާމަޕަލްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވާ އަދަދު ވަނި ސަތޭކައިން ދަށުގައި ހިފަހައްޓާލެވިފަ އެވެ. އަދި އާއްމުގޮތެއްގައި ކޮންމެ ދުވަހަކު މާލެ ސަރަހައްދުންނާއި ރިސޯޓުތަކުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އަތޮޅުތެރެއާއި އަޅާބަލާއިރު ވަރަށް ބޮޑުތަކުން އޮތީ ދަށްކުރެވިފައެވެ.

ނަމަވެސް މިފަހުން ރިސޯޓުތަކުން ޕޮޒިޓިވްވާ އަދަދުތައް އިތުރުވެ، ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އުޅުނީ އާއްމުގޮތެއްގައި 100 އިން މަތީގައެވެ. ނަމަވެސް ފާއިތުވި ދެ މަހެއްހާ ދުވަހާ އަޅާބަލާއިރު، މާލެތެރެއިން މިހާ ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ހާލަތާއެކު މިހާތަނަށް ރާއްޖެއިން މީހުން ކޮވިޑަށް ޕޮޒިޓިވެފައިވާ އަދުދު ވަނީ 96،000 އިން މައްޗަށް އަރައިފަ އެވެ. މިއަދުގެ އަދަދުތަކާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 96،294 އެވެ.

އޭގެ އިތުރުން ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދުވެސް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،609 އެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ކޮވިޑް ޖެހިފައިވާ 12 މީހަކަށް މިވަގުތު ފަރުވާދެމުން އެބަދެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލީގައި 262 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓް "އޮމިކްރޮން"ގެ މަދު ކޭސްތަކެއްވެސް ރާއްޖެއިން މިހާތަނަށް ފެނިފައިވެއެވެ. ނަމަވެސް އެއީ ރާއްޖެ އައި ފަތުރުވެރިންގެ ފަރާތުންނެވެ.

މިދުވަސްވަރު ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުން މި އަންނަނީ، ގިނަ ބަޔަކު އެއްވަމުންދާ ނައިޓް މާކެޓު ހުޅުވައިގެން އުޅޭ ދުވަސްވަރުކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން އާ އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި މިޔުޒިކް ޝޯގައިވެސް އެތައް ބަޔަކު އެއްވެ ތޮއްޖެހިފައިވެ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ