ކޮވިޑް-19 ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު ނިޔާވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ އައްޑޫސިޓީގެ ކޮވިޑް ފެސިލިޓީން ކޮވިޑް-19 ގައި، ރޭ ދަންވަރު 02:30 ގައި، ނިޔާވެފައިވަނީ 82 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
މިއާއެކު އައްޑޫސިޓީން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 14 އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަަދަދު ވަނީ 263 އަށް އަރާފައެވެ.
ހަތަރު މަސް ދުވަހަށްފަހު އައްޑޫ މޮނީޓަރިން ހާލަތުގައި އޮތުމަށްފަހު މޮނިޓަރިން އުވާލައިފައި ވަނީ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ގަ އެވެ. އޮގިސްޓް 28 ވަނަ ދުވަހުން ފެށިގެން ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ މޮނީޓަރިން ހާލަތަށް ގެނައިރު ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހުން ފެށިގެން ސ. ހުޅުމީދޫ، އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
އެޗްޕީއޭއިން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި 24 ގަޑިއިރު ޓެސްޓުކުރި 3740 ސާމްޕަލްގެ ތެރެއިން ޖުމްލަ 242 މީހަކު އަލަށް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން މާލެ ސަރަހައްދުން 97 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 78 މީހެކެވެ. މީގެ އިތުރުން ރިސޯޓުތަކުންވެސް 66 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.




