ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ދޯނީގެ ފަޅުވެރިން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!

ގެއްލިގެން ހޯދަމުންދާ އަލަމާ-5 ދޯނީގެ ފަޅުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައި ފާސްކޮށްފައިވީނަމަވެސް، އެ މީހުން ހޯދުމުގެ މަސައްކަތަށް އަދި ކުރިއެރުމެއް ނުލިބޭކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ފ.ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ 5" ދޯނި ދިޔަވެ އަޑިއަށް ދިޔަ މައުލޫމާތު ލިބެގެން، އޭގެން ދަތުރުކުރި ތިން މީހުންނާއި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ރެއިން ފެށިގެން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އެ ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް މިއަދު ވަނީ ފެނިފަ އެވެ.

މި މަސައްކަތުގެ އަޕްޑޭޓެއް ދެމުން އެމްއެންޑީއެފުން ދެންމެ ބުނީ، އަލަމާ-5 ދޯނީގެ ފަޅުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާތަނަށް ވަނީ ކަނޑާއި ވައިގެ މަގުން 2720 ސްކޮޔަރ ނޯޓިކަލްމޭލްގެ ސަރަޙައްދެއް ބަލާފައި ކަމަށެވެ. އަދި ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށް ބުންޏެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ޑޯނިއަރ ފްލައިޓާއި ކޯސްޓްގާޑް އެކޯ-905 ސީ އެމްބިއުލާންސް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފޮޓޯ: އެމްއެންޑީއެފް

"އަލަމާ 5" ދޯނި ދިޔަވެ އަޑިއަށް ދިޔަކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި އެ ދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ދިއުމަށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ގެއްލިގެން ހޯދާ ދޯނީގެ ސާމާނުތަކެއް އޮޔާދަނިކޮށް ފެނިއްޖެ

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ