ރާއްޖެއިން މިއަދުވެސްް 200 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިއްޔެ 18:00 އިން މިއަދުގެ ހަވީރުގެ އެވަގުތައް ރާއްޖެއިން ޖުމްލަ 228 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި އޭގެ ތެރެއިން މިއަދު ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައި ވަނީ ރިސޯޓުތަކުންނެވެ.
ފާއިތުވި 24 ގަޑިއިރު ޓެސްޓުކުރި 4801 ސާމްޕަލްގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުން 66 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 60 މީހެކެވެ. މީގެ އިތުރުން ރިސޯޓުތަކުންވެސް 97 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.
ފާއިތުވި ތިން މަހެއްހާ ދުވަހު ރާއްޖެއިން ނަގާ ކޮވިޑް ސާމަޕަލްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވާ އަދަދު ސަތޭކައިގައި އުޅުމަށްފަހު، އިއްޔެގެ ޕޮޒިޓިވް އަދަދު ވަނީ 200 އިން މަތިވެފަ އެވެ. އެގޮތުން 242 މީހަކު އިއްޔެ އަލަށް ކޮވިޑަށް ޕޮޒިޓިވްވި އެވެ.
މި ހާލަތާއެކު މިހާތަނަށް ރާއްޖެއިން މީހުން ކޮވިޑަށް ޕޮޒިޓިވެފައިވާ އަދުދު ވަނީ 96،000 އިން މައްޗަށް އަރައިފަ އެވެ. މިއަދުގެ އަދަދުތަކާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 96،522 އެވެ.
ވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،702 އެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ކޮވިޑް ޖެހިފައިވާ 12 މީހަކަށް މިވަގުތު ފަރުވާދެމުން އެބަދެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލީގައި 262 މީހަކު ވަނީ މަރުވެފަ އެވެ.
ކުރިއަށް އޮތް ތިން ހަފްތާއަކީ ވަރަށް ބާރަށް ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތް ތިން ހަފްތާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވާތީވެ، ކޮވިޑްގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.



