އިދިކޮޅޫ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ފަށައިފައިވާ "އިންޑިއާ-އައުޓް" ހަރަކާތުގެ ތެރެއިން، މިއަދު މާލެގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ބައިވެރިވި 11 މީހަކު ހައްޔަރުކުރީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުން ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ކުޑަދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު މި ހަރަކާތައް އަލުން މިއަދު ފެށީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެ ސަރަހައްދަށް އިދިކޮޅު ސަޕޯޓަރުން މިއަދު ވަނީ އެއްވަފައެވެ.
ފުލުހުން މިރޭ ބުނީ، މިހަރަކާތުގެ ބައިވެރިންގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަސް ގެނެސްފައިވާ ކަމަށެވެ. މި މީހުންގެ ތެރޭގައި ހިމެނޭ 9 އަންހެނުންނާއި 2 ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
"އެ 11 މީހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި" ފުލުހުން ބުންޏެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅުގެ ހަރަކާތްތައް ރާއްވާ ހިންގުމުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް ހިމެނެއެވެ.
އިދިކޮޅުން މިއަދު ވަނީ އިންޑިއާ-އައުޓް ހަރަކާތް ފ. ނިލަންދޫގައިވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގައި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.




ހިޔާލު
ފުލުހުން އެތަނުގައި އަދާކުރަންޖެހޭ ކޮން ދައުރަކަށް، ކިހާވަރަކަށް، ކާކު، ކިހިނެތް ހުރަސް އަޅައިގެންކަން މިފަދަ ކޮންމެ ސީނަކުންވެސް އެބަ ސާފުވާންޖެހޭ. ޞުލްޙަވެރިކޮށް ތިއްބާ އެތަނަކަށްގޮސް އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް ނޯންނާނެ. ޤާނޫނަކުން ކަމެއް މަނާނުކުރާނަމަ އެކަމެއް ހުއްދަވާނެ. އިންޑިއާ އައުޓް ގޮވުމަކީ އަދި ޤާނޫނީ ކުށެއްނޫން،، އެކަން ހުއްޓުވުމަށް އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް ނޯންނާނެ.