ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/މިހާރު

ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށެއް ނުވި، މޭލެއިން 102 ކޭސް

މޭލެއިން 102 ޕޮޒިޓިވް ކޭސްއާއެކު، މުޅި ރާއްޖެއިން މިއަދުވެސް 200 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިއްޔެ 18:00 އިން މިއަދުގެ ހަވީރުގެ އެވަގުތައް ރާއްޖެއިން ޖުމްލަ 224 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި އޭގެ ތެރެއިން މިއަދު ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައި ވަނީ ރިސޯޓުތަކުންނެވެ.

ފާއިތުވި 24 ގަޑިއިރު ޓެސްޓުކުރި 4130 ސާމްޕަލްގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުން 102 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅުތެރެއިން މިއަދު ޕޮޒިޓިވްވެފައި ވަނީ 48 މީހެކެވެ. މީގެ އިތުރުން ރިސޯޓުތަކުންވެސް 74 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ރާއްޖެއިން މީހުން ކޮވިޑަށް ޕޮޒިޓިވެފައިވާ އަދުދު ވަނީ 96،000 އިން މައްޗަށް އަރައިފަ އެވެ. މިއަދުގެ އަދަދުތަކާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 96،746 އެވެ.

މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،734 އެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ކޮވިޑް ޖެހިފައިވާ 13 މީހަކަށް މިވަގުތު ފަރުވާދެމުން އެބަދެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލީގައި 263 މީހަކު ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ