އައިޖީއެމްއެޗް އީއާރަށް ގެންދިޔަ މީހަކު ކޮވިޑް ބަލީގައި ނިޔާވެއްޖެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އެމަޖެންސީ ރޫމަށް ގެންދިޔަ މީހަކު، ކޮވިޑް ބަލީގައި ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ބުނީ، ރޭ 3:12 ހާއިރު އެ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމާޖެންސީ ރޫމަށް 79 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އަދި އެއީ ކޮވިޑް މަރެއް ކަމަށް އެޗްޕީއޭ އިން ވަނީ ނިއްމައިފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 264 އަށް އަރައިފަ އެވެ.

އިއްޔެ އަކީ ފާއިތުވި ތިން މަހެއްހާ ދުވަހުގެ ކޮވިޑް ހާލަށް ބަލާއިރު، މާލެ ސަރަހައްދުން ރެކޯޑު އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވި ދުވަހެކެވެ. އެގޮތުން މާލެއިން އެކަނި 102 މީހަން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި މުޅި ރާއްޖެއިން ޕޮޒިޓިވާ އަދަދު ފާއިތުވި ތިން ދުވަހު އުޅެނީ 200 އިން މަތީގައެވެ.

މާލެ ސިޓީގައި ކޮވިޑްގެ ހާލަތު ގޯސްވާން ފަށައިފައި މިވަނީ، ސިޓީ ނައިޓް މާކެޓް ފަށައިފައި ވަނިކޮށް، އެތަނަށް އެތައް ބަޔަކު ތޮއްޖެހެމުންދިޔަ ދަނޑިވަޅެއްގައެވެ. ނަމަވެސް މި ހާލަތާއި ގުޅިގެން ނައިޓް މާކެޓް ހިންގަން ހުއްދަ ދިނުން ހުއްޓާލުމަށް އެޗްޕީއޭއިން ސިޓީ ކައުންސިލަށް އަންގައިފައިވާތީވެ، ހުއްދަ ދިނުން ސިޓީ ކައުންސިލުން ވަގުތީގޮތުން ވަނީ މަޑުޖައްސާލައިފައެވެ.

ކުރިއަށް އޮތް ތިން ހަފްތާއަކީ ވަރަށް ބާރަށް ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތް ތިން ހަފްތާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވާތީވެ، ކޮވިޑްގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ