ރާއްޖެ އާއި ޗައިނާއާ ދެމެދު ފަސް ދާއިރާއަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ވިސާއާ ނުލާ ދިވެހިންނަށް ޗައިނާއަށް ދެވޭ ގޮތް ހަދައިފި

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާ ދަތުރުކުރެވޭނެ އިންތިޒާމް ޗައިނާއިން ހަމަޖައްސައިދީފި އެވެ.

‎ޗައިނާއިން މި އިންތިޒާމު ހަމަޖައްސައިދިނީ، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ސޮއިކުރެވުނު ވިސާ އެގްޒެމްޝަން އެއްބަސްވުމުގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ޗައިނާއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ޗައިނާއިން މިވަގުތު ދަތުރުފަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވުމާއި އެކު، އޮން-އެރައިވަލް ވިސާ ދޫކުރަން ފަށާނީ، މިފިޔަވަޅުތަކަށް ލުއިދޭ ހިސާބުންނެވެ.

މިއީ ދިވެހިންނަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ 5 ވަނަ ގައުމެވެ. 2018 ނޮވެމްބަރު މަހުގެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، ތައިލެންޑް އަދި މޮރޮކޯ އިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

‎މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރެއްވި މަޝްވަރާތަކަށްފަހު ސައޫދީޢަރަބިއްޔާ، އިންޑިއާ އަދި ސްރީލަންކާއަށް ދަތުރުކުރުމުގައި ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ވަނީ ހަމަޖެހިފައި ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރެއްވި އެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާ އެއްބަސްވުމުގެ އިތުރުން، އިތުރު ހަތަރު ދާއިރާއަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތަކުގައި، ރާއްޖެ އާއި ޗައިނާއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ. އޭގެތެރޭގައިި ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި،  އިގްތިސޯދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމަކާއި، ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމަކާއި، އަދި 5 ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ