އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ އިސްކަންދޭ ކަމެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިދިޔަ ދުވަސްތަކުގައި މަގުމަތީގައި ބޭއްވި "އިންޑިޔާ އައުޓް"ގެ ހަރަކާތުގެ ތެރެއިން އެތައް އަންހެން ސަޕޯޓަރުންނެއް ހައްޔަރުކުރުމަށް ފިރިހެން ފުލުހުން ފޮނުވާ، އަނިޔާކުރިކަމަށް އިދިކޮޅުން ތުހުމަތުކޮށްފައި ވަނިކޮށެވެ.
މި އެއްވުންތަކާއި ގުޅިގެން އާންމުންނާއި އިދިކޮޅުން ތުހުމަތުކޮށްފައިވާ ވާހަކަތަކަށް ރައްދުދީ ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މުޒާހަރާތަކާ އެނޫން ވެސް ހާލަތްތަކުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެނޫންވެސް
ހާއްސަ ގާނޫނަކާގުޅޭ ކަމެއްނަމަ އެ ގާނޫނަކާ އެއްގޮތަށް ކަމަށެވެ. އަދި މުޒާހަރާތަކާ އެނޫންވެސް ހާލަތެއްގައި މީހުން ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވަނީ މީހަކު ހައްޔަރުކުރަން ކޮންމެހެންޖެހިއްޖެނަމަ، ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ފުލުހުން ބުންޏެވެ.
"އެގޮތުން އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ ހިދުމަތުން އިސްކަންދޭކަމެކެވެ. އަދި ގާނޫނު ތަންފީޒުކޮށް ނެގެހެއްޓުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެވާހަކަ ދަންނަވަން" ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ޅުވީ، މާލޭގައި ސިޔާސީ ޕާޓީއަކުން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވުންތައް ބާއްވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށާއި އެއެއްވުންތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ދަތިކޮށް ބަސް މަލޭ މަގުމަތިން ހުއްޓުވައި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ބައެއް ފަރާތްތަކުން ހިތްވަރުދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ، އެއްވުންތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުކުރުމުގައި އަމަލުކުރާ އުސޫލަކީ އެ ހާލަތާ އެއްވަރުގެ ނުވަތަ އެއަށްވުރެ ދަށް މިންގަނޑެއްގެ ބާރެއް ބޭނުންކުރުން ކަމަށެވެ. އަދި މިފަދަ އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ހަމަލަދީ، ދައުލަތުގެ މުދަލަށް ގެއްލުންދީ، ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހިންގުމަށް ހުރަސް އެޅުމުގެ މަސައްކަތް ކުރާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ބާއްވަމުންދާ ސުލްހަވެރި އެއްވުންތަކުގެ ތެރެއިން ސަޕޯޓަރުން ހިފާ ހައްޔަރުކުރަމުންދާތީވެ އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ މިއީ ސަރުކާރުގެ އިސްވެރިން އޯޑަރަށް ފުލުހުން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
މިދިޔަ ބުދަ ދުވަހުގެ ހަވީރު އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިންވެސް ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ އަނެއްދުވަހު އިދިކޮޅުން ބޭއްވި ހަރަކާތުގެ ތެރެއިންވެސް 11 މީހަކު ހައްޔަރުކުރި އެވެ. އަދި އިއްޔެ ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ވަނީ 29 މީހަކު ހައްޔަރުކޮށްފަ އެވެ. މި މީހުންގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރާއި، އިދިކޮޅު ކޯލިޝަންގެ އިސް ފަރާތްތައްވެސް ހިމެނެ އެވެ.




