މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވީޑް-19ގެ ކޭސްތައް އިތުރުވެފައިވާތީވެ، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރް ނެގަޓިވް ނަތީޖާއަކާއެކު ނޫނީ ދަތުރުނުކުރެ ވޭގޮތަށް ކަނޑައަޅާ، އުސޫލުތައް ވަރުގަދަކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނީ ދު މާލެ، ހުޅުމާލެ، ވިލިމާލެގަ އި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ %5 އަށްވުރެ މަތިވެފައިވާތީވެ މާދަމައިން ފެށިގެން މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަންޖެހޭނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ، .ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްކަމުގައިވީނަމަވެސް، މާދަމައިން ފެށިގެން މާލެއިން ރަށްރަށަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ.
މީގެ އިތުރުން ވެެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ އެވެ. އަދި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ. މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނޭނެއެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލެއިން އެހެން ރަށްރަށަށް ދަތުރުކުރާއިރު "ކޮވިޑްސޭފް" ޕޯޓަލް އިން ނެގެޓިވް ނަތީޖާ ދައްކަންޖެހެ އެވެ. އަދި ކަރަންޓީންވާން ޖެހޭ މީހުން "ހާލު ބެލުން ޕޯޓަލް" އިން ހުއްދަ ހޯދަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި މިދިޔަ އަހަރު ކޮވިޑް-19 ގެ ހާލަތު ރަނގަޅުވާން ފެށުމާއެކު، އޭރު އެޗްޕީއޭ އިން ވަނީ އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ނަމަ، ޕީސީއާރު ޓެސްޓަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދީފައެވެ. އެޗްޕީއޭއިން މި ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.
އަދި ނެގެޓިވް ޕީސީއާރު ބޭނުންވާގޮތަށް އޭރު ހަމަޖައްސައިފައި އޮތީ ހަމައެކަނި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށް ދަތުރުކުރާނަމަ އެކަންޏެވެ.
މާލެއިން ރަށްރަށަށް ދަތުރުކުރުމުގައި އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައި މިވަނީ، މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން ރަށްރަށުން އެތައް ބަޔަކު ބާޒާރުކުރުމަށާއި، ބޭސްފަރުވާއަށް އަދި އެހެނިހެން ބޭނުންތަކަށް މާލެ އައިސްގެން އުޅޭ ދުވަސްވަރެއްގަ އެވެ. އެގޮތުން މިފަހަކުން ކޮވިޑް ކޭސްތައް މާލެ ތެރޭގައި އިތުރުވެފައި މިވަނީވެސް ޗުއްޓީ ބަންދު އައިފަހުންނެވެ. މިހާރު ރާއްޖެއިްނ ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު އުޅެނީ 300 އިން މަތީގަ އެވެ.




