ދުުނިޔޭގެ ބައެއް ޤައުމުތަކުން ފެނިފައިވާ ސަރސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެނިފައިވާތީއާއި މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ ކުޅިވަރު މުބާރާތްތައް، ކުޅިބަލާމީހުންނަށް ވަދެވޭގޮތަށް ބޭއްވުން މަނާކޮށް، މާލެ ސަރަހައްދުގައި އަޅައިފައިވާ ކޮވިޑް ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑެ ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ،ހުޅުމާލެ، ވިލިމާލޭގައި މާދަމައިން ފެށިގެން ވަކިގޮތެއް އަންގަންދެން ތިން ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމަށް ވަނީ އަންގައިފަ އެވެ. 50 މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ މިފަދަ ކަންކަން ބޭއްވޭނީ އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެ އޭޖެންސީން ބުންޏެވެ.
މީގެ އިތުރުން މަގުމަތީ ބާޒާރުތައް ނުބޭއްވުމާއި ކުޅިވަރު މުބާރާތްތައް، ސަޕޯޓަރުން ވައްދައިގެން ނުބޭއްވުމަށް އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.
މާލެގައި ކޮވިޑްއިން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ފާއިތުވި ހަ ދުވަހު ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި އަދަދު 200 އިން މަތީގައި އުޅުމަށްފަހު، ފާއިތުވި ތިން ދުވަހު ރާއްޖެއިން 300 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ.