މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވީޑް-19ގެ ކޭސްތައް އިތުރުވެފައިވާތީވެ، ސްކޫލުތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވައި ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ދެވަނަ ޓާމަށް ސްކޫލުތައް ހުޅުވާއިރު ކޮވިޑު-19އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފަ އެވެ. މި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ.
ސްކޫލުތަކުގައި އަޅަން އަންގައިފައިވާ ފިޔަވަޅުތައް:
- ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން އަދި ސްކޫލު މުވައްޒަފުން ރާއްޖެ އަންނަތާ 3 ނުވަތަ 5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށާއި މިޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުން.
- މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު އެހެން ރަށަކަށް ދަތުރުކޮށް، އެރަށުގެ ސްކޫލަކަށް ހާޒިރުވާނަމަ އެފަރާތުންވެސް އެރަށަށް އަންނަތާ 3 ނުވަތަ 4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށާއި މިޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުން.
- ސްކޫލުތެރޭގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން އުޅުން އަދި ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވެވޭނެ އިންތިޒާމް ސްކޫލުގައި ހަމަޖައްސާފައި ހުރުން.
- މިދުވަސްވަރު އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކުވެސް ސްކޫލުގެ ތެރޭގައި ގުރޫޕް ހަދައިގެން ކައިބޮއި ނުހެދުން.
- ސްކޫލުތެރޭގައި ޤާއިމްކޮށްފައިވާ އިންފެކްޝަން ކޮންޓްރޯލް މެޝަރސް' ގެ އެންމެހާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުން.
ސްކޫލުތަކުގައި މި ފިޔަވަޅުތައް ތަންފީޒުކުރުމަށް މިނިސްޓްރީން އެންގި އިރު، މިއަދުން ފެށިގެން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރް ނެގަޓިވް ނަތީޖާއަކާއެކު ނޫނީ ދަތުރުނުކުރެ ވޭގޮތަށް އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރަކަށް ވެފައި ރަށްރަށުގެ މީހުން މާލެ އައިސް އުޅޭތީވެ، އެޗްޕީއޭއިން މި އުސޫލު ކަނޑައެޅުމުން އެތައް ބަޔަކު ރޭ ވަނީ ޕީސީއާރު ހަދަން މާލޭގައި ކިއު ޖެހިފައެވެ.
އެއާއެކު އެޗްޕީއޭއިން ރޭ އެންގީ ކުޑަ ލުޔެއް ދިނުމުގެ ގޮތުން މިއަދާއި މާދަމާ ޕީސީއާރު ނަތީޖާ ނުލިބުނަސް ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް މާލެއިން ސާމްޕަލްއެއް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން އެންގި އެވެ. އަދި ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށްފަހު، ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.



