މާލެ ތެރޭގައި ގިނަވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް އަމިއްލަ ހަރަދުގައި ބުޅާ ގެންގުޅޭނެ ފަރާތެއް ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށް، އަނެއްކާވެސް އެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފެސިލިޓީ ހަދަން ޝައުގުވެރިވާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރި އިއުލާނެއްގަ އެވެ. ނަމަވެސް އެ މުއްދަތު އިތުރުކޮށް، ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައި ވަނީ، އެ މަސައްކަތް ކޮށްދޭނެ އަގު ހުށަހެޅުމަށް މިހާރު ދީފައިވާ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވަނަ ދުވަސް ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހު މޭޔަރު މުއިއްޒު ވިދާޅުވިގޮތުގައި، ކުރީގެ ސިޓީ ކައުންސިލުން، އެޗްޑީސީ އާއެކު ފަރުކޮޅުފުށީގައި ބުޅާ ގެންގުޅުމަށް ފެސިލީޓީއެއް ހެދުމަށް މަޝްވަރާކުރެވިފައި އޮތް ނަމަވެސް، އާ ކައުންސިލް އައިފަހުން އެޗްޑީސީގެ ވާހަކަތައް ވަނީ ބަދަލުވެފައި އެވ.
އެގޮތުން އެކަމަށް އެޗްޑީސީން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށާއި، މި ބުޅާ ފެސިލިޓާ ފަރުކޮޅުފުށީގައި އަދި ހުޅުމާލޭގެ އެއްވެސް ތާކު ހެދޭނެ މަގެއް އަދި ފަހިނުކޮށްދޭކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި އެޗްޑީސީން މިކަމުގައި އެކި ބަހަނާތައް ދައްކާ ކަމަށް މޭޔަރު ފާހަގަކުރި އެވެ.
އެހެންކަމުން މި މައްސަލަ ބޮޑުވެ، މާލޭގައި އުޅޭ ބުޅާތައް ގެންގުޅުމަށް އަމިއްލަ ފަރާތަކާއި ހަވާލުކުރަން ނިންމާ ސިޓީ ކައުންސިލުން އެކަމަށް އިއުލާނުކުރިއެވެ.
މުއިއްޒު ވިދާޅުވީ، މާލޭގައި ބުޅާ ގިނަވެ، އެކި ބަލިތަކާއި ނަޖިސް ފެތުރި، ވިއްސާރަ ވެހޭ ދުވަސްދުވަހުވެސް އާންމުންނަށް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މިއީ ހައްލެއް ގެންނަން ޖެހޭ މައްސަލައެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.



