ފޮޓޯ: އަވްޝަން / މިހާރު

އަމާޒަކީ ގައުމުގެ މަސައްކަތްތައް ނުހުއްޓި ޕެންޑެމިކް ކޮންޓްރޯލު ކުރުން: ހެލްތް

ރާއްޖޭގައި މިދުވަސްވަރު ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނަނީ އޮމްކްރޮން ވޭރިއަންޓް މުޖުތަމައު ތެރޭގައި ފެތުރެމުންއަންނާތީ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެއާއެކު މިހާރު މިވަނީ ކޮވިޑްގެ އިތުރު ރާޅެއް އައުމުގެ މަގުމަތީގައި ކަމަށާއި، ނަމަވެސް ސަރުކާރުގެ އަމާޒަކީ ގައުމުގެ މަސައްކަތްތައް ނުހުއްޓި މި ޕެންޑެމިކް ކޮންޓްރޯލުކުރުން ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ބަލި ކޮންޓްރޯލު ކުރުމުގައި މި ސަރަހައްދުގެ ގައުމުތަކާއި އަޅާބަލާއިރު ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކޮށް،  ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.ޝާހް މާހިރު ވިދާޅުވީ، އަންނަން މިއުޅޭ ކޮވިޑްގެ ތިން ވަނަ ރާޅު ކޮންޓްރޯލު ކުރުމުގައިވެސް ކުރިން ރާއްޖެ ދެއްކި ނަމޫނާ ދެއްކުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ސަރުކާރުން މިކަމަށް ދިން އެއްބާރުލުން ޝާހް ފާހަގަކުރި އެވެ.

ޑރ. ޝާހް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދާ ގުޅިފައި ހުރި ކަންތައްތަކަށް މާ ބޮޑު އުނދަގުލެއް ނުޖެހޭނެހެން މި ޕެންޑެމިކް ކޮންޓްރޯލު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ. އޭގެ އިތުރުން ސަރުކާރުގެ މުވައްސަސާތަކާއި ސްކޫލުތައް ބަންދުނުކޮށް، ރައްޔިތުންނަށް އިތުރު އުނދަގުލެއް ނުޖައްސާ ބަލި ކޮންޓްރޯލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޑރ. ޝާހް ވިދާޅިއެވެ.

ޑރ.ޝާހް ވިދާޅުވީ، ރާއްޖޭގައި ޕޮޒިޓިވްވާ ކޭސްތައް އިތުރުވެފައިވާ ކަމަށާއި، އެ އަދަދު 400 އިން މަތިވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓާތަކުންނާއި، ފްލޫ ކުލިނިކުތަކުން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށް ޑރ. ޝާހް ފާހަގަކުރި އެވެ.

އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކަކީ ސިއްހީ ނިޒާމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ދުވަސްތަކެއް ކަމަށް ފާހަގަކުރެވޭ ކަމަށް ޑރ. ޝާހް ވިދާޅުވި އެވެ. އެހެންކަމުން މިކަމުން އިތުރަށް ހުޝިޔާރުވެ ރައްކާތެރިވެ ތިބުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޝާހް ވިދާޅުވިއެވެ.

"އަންނަން މިއުޅޭ ސާޖާއިން ގުޅިގެން އެޗްއީއޯސީގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރު އަންނަނީ ގިނަކަންތައްތަކެއް ކުރެވެމުން." މިދިޔަ އަހަރު ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ބައެއް ހިދުމަތްތައް ދިނުމުގެ މުވައްޒަފުން މަދުކޮށް، ހިދުމަތްތައް މަދުކުރިނަމަވެސް، މިހާރުގެ ހާލަތާއި ގުޅިގެން ތަންތަނަށް ބޭނުންވާ އިތުރު ހިއުމަން ރިސޯސް ފޯރުކޮށްދީ އާއި އިތުރަށް ވޮލިންޓިއަރުން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޝާހް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ