އާންމުކޮށް ހުޅުވާލައި ކޮވިޑް ވެކްސިން ޖަހަން ޝަރުތު ހަމަވާ އެންމެންނަށް ބޫސްޓާ ޑޯޒު ޖެހުމުގެ ޕްރޮގްރާމް މި މަހުގެ މެދުތެރޭގައި ފެށޭނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ފެށުމަށް ތާވަލު ކުރި، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުމުގެ ޕްރޮގްރާމް ފެށުން ލަސްވަނީ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް އުޅޭތީ ކަމަށް އެޗްއީއޯސީން މީގެ ކުރިން ވަނީ ބުނެފައެވެ. އާއްމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒު ޖަހަން ފެށުމަށް ބޭނުންވާ ފައިޒާ ވެކްސިންގެ އާ ޝިޕްމެންޓް، އެއްލައްކަ ޑޯޒުގެ ފައިޒާ ވެކްސިން ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހުގެ 18 ގައެވެ.
މިއަދު އެޗްއީއޯސީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވީ، ބޫސްޓާ ޑޯޒު ވެކްސިން ޖެހުމަށް ބޭނުންވާ އިތުރު ސާމާނުތައް މި ހަފްތާ ތެރޭގައި ލިބޭނެ ކަމަށެވެ. އަދި ސާމާނު ލިބުމާއެކު ވެކްސިން ކެމްޕެއިން ފުދޭވަރަކަށް އަވަހަށް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޫސްތާ ޑޯޒު ޖެހުމުގެ ކެމްޕެއިން ފުދޭވަރަކަށް އަވަސް ސްޕީޑެއްގައި ގެންދާނަން. މި މަހުގެ މެދެއްހާތާ ޕްރޮގްރާމް ފަށާނަން" ޝާހް ވިދާޅުވި އެވެ.
ޝާހް އިތުރަށް ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވަނީ ޝަރުތުހަމަވާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ކަމަށެވެ. އަދި ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ ރާއްޖޭގެ ރައްޔިތުންނަށް ވާވަރަށް ވެކްސިން ލިބިފައިވާ ކަމަށާއި، 18 އަހަރުން ދަށުގެ ކުދިންނަށް ވެސް ބޫސްޓާ ޑޯޒް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ޝާހް ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 27،762 މީހަކު ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. ފުރަތަމަ ޑޯޒް ޖަހާފައިވަނީ 396،981 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖެހީ 363،238 މީހުންނެވެ.



