ވަޒީރުންގެ މަޝްވަރާ ބައްދަލުވުން-- ފޮޓޯ: ރައީސް އޮފީސް

ފަސޭހައި ކޮވިޑް ޓެސްޓު ހެދޭނެގޮތް ހަމަޖައްސަން ވަޒީރުން މަޝްވަރާކޮށްފި

ކޯވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުން މަޝްވަރާކުރައްވައިފި އެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވަނީ އޮމިކްރޮން ވޭރިއަންޓް މުޖުތަމައުގައި ފެތުރޭތީ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ޕޮޒިޓިވްވާ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް އެޗްއީއޯސީން މިއަދު ވަނީ ރަސްމީކޮށް އިއުލާނުކުރައްވައިފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރާއްޖޭގައި މި ދުވަސްވަރު ކޯވިޑް-19 ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

މި މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުން މަޝްވަރާ ކުރެއްވި ކަންކަން:

  • ކޯވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުން
  • ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސެއްމަށް މަޝްވަރާ ކުރުން

މިއަދުގެ ޕްރެސްގައި ވާހަކަދައްކަމުން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ، މާލެ ތެރޭގެ ކޮވިޑް ކޭސްތައް އިތުރުވެފައިވާ ކަމަށާއި، ބަލި ޖެހޭ މީހުންގެ އަދަދު ހަފްތާއެއްގެ ތެރޭގައި 1،000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ދިވެހިންގެ ތެރޭގައިވެސް އޮމިކްރޮން ވޭރިއަންޓް އުޅޭކަން ސީކުއެންސް ނަތީޖާއިން ކަށަވަރުވެފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން މިހާރު އަޅައިފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް އޮތްތާގައިވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ފިޔަވަޅުތައް އަޅާނީ ގައުމުގެ އިޤްތިސާދީ ހަރަކާތްތަކަށާއި، ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެފަދަ ގޮތަކަށްކަމަށް ޑރ. ނަޒްލާވެސް ފާހަގަކުރި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ