ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކުން ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުވާންޖެހޭ މުއްދަދު 7 ދުވަހަށް ކުޑަކޮށްފި އެވެ.
އެޗްޕީއޭން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޕޮޒިޓިވްވާ މީހުން ކަރަންޓީނުވާ ޖެހޭނީ ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ސާމްޕަލް ނަގާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ
މުއްދަތު ނިމޭނެ ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރުވުމުން ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ނަމަވެސް ސާމްޕަލް ނަގާ ތާރީޚުން ފެށިގެން 7 ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް
ނުކުންނަންވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުން ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނުގައި ވާގޮތުން، ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ، ކޮވިޑް-19 އަށް ފައްސިވާމީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ފައްސިވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ. އަދި މި 10 ދުވަސް
ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ.
ނަމަވެސް ކޮންޓެކްޓުން ކަރަންޓީން ކުރާ ތާރީހުން ފެށިގެން ފަސް ދުވަސް ފަހުން ކޮވިޑް ޓެސްޓް ހަދައި ނަތީޖާ ނެގަޓިވް ނަމަވެސް ކަރަންޓީންގެ މުއްދަތު ނިމޭނެ ކަމަށް އާ އުސޫލުގައި ބުނެފައިވެ އެވެ. އަދި މި ދެ ނަންބަރުގައި ގޮތުގެ މަތިން ޢަމަލުކުރެވޭނީ ކޮވިޑު-19 އަށް ފައްސިވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ނަމައެވެ.
ވެކްސިން ފުރިހަމަނުވާ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ފައްސިވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 14 ދުވަހެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ފުރިހަމަވުމުން ޕީ.ސީ.އާރ ޓެސްޓު ހަދާ ނަތީޖާނެގެޓިވް ވުމުންނެވެ.
މިއަދު މި ގެނައި ބަދަލާއެކު މިހާރު އެކަހެރިކުރެވިފައިވާ އަދި ކަރަންޓީނުކުރެވިފައިވާ ފަރާތްތައް މި ނިންމުމުގައިވާ ގޮތުގެ މަތިން މުއްދަތުތައް ފުރިހަމަވެފައި އަދި ކަނޑައެޅިފައިވާގޮތުގެ މަތިން ޓެސްޓުގެ ނަތީޖާ ލިބިފައިވާނަމަ އެކަހެރިވުން/ކަރަންޓީނުވުން ނިމޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.




