އަޒާންގެ ކިޑްނީ ބަދަލުނުކުރެވި ރާއްޖެއަށް، އުއްމީދު ކަނޑާނުލާ!

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހދ. ނޭކުރަންދޫއަށް އުފަން މުހައްމަދު ވަހީދު އަދި އެ އަތޮޅު ކުރިނބީއަށް ނިސްބަތްވާ މަރިޔަމް ފަރުޒާން އަށް ލިބުނު ފުރަތަަމަ ދަރިފުޅު އަޒާން އަކީ ތުއްތު އިރުން ފެށިގެން ކިޑްނީގެ މައްސަލަތައް ދިމާވެ، އެކަމަށް ޤަވާއިދުން ބޭސް ކުރަމުން އަންނަ ކުއްޖެކެވެ. އެގޮތުން އަޒާންގެ ކިޑްނީ މައްސަލަތަކެއް ހުންނަކަން އެންމެ ފުރަތަމަ ދެނެގަނެވުނީ އުމުރުން ދެ އަހަރުގައެވެ. އެހެންކަމުން މާލެއާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގޮސް އަބަދުވެސް އަޒާން ޑޮކްޓަރަށް ދައްކައި، އޭނާގެ އާއިލާއިން ވަނީ އަޒާންގެ ބައްޔަށް ފަރުވާއެއް ލިބޭތޯ ރާއްޖޭގެ އެތައް ޑޮކްޓަރުންނަކަށް ދައްކައިފަ އެވެ. ނަމަވެސް އަޒާންއަށް ވަމުން އަންނަ ގޮތް އޭރުވެސް ޑޮކްޓަރުންނަށް ރަނގަޅަށް ދެނެނުގަނެވުނެވެ.

އެއަށްފަހު 2019 ވަނަ އަހަރުގެ ކުރީކޮޅު އަޒާންގެ އުމުރުން 6 އަހަރުގައި އޭނާ ވަރަށް ބޮޑަށް ބަލިގެން މާލެއިން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނެފައިވަނީ ކުއްޖާގެ އެއް ކިޑްނީ ފެއިލްވެފައިވާކަމަށެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން ވަގުތުން އަޒާން ގޮވައިގެން އިންޑިއާއަށް ފަރުވާއަށް ގެންދިޔަ އެވެ. ނަމަވެސް އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އެކޮޅުން ބުނެފައިވަނީ އަޒާންގެ ކިޑްނީ ފެއިލް ނުވާކަމަށާއި ނަމަވެސް ކިޑްނީ ހުއްޓިފައިވާކަމަށެވެ. އެގޮތުން އެފަހަރު އަޒާން ގޮވައިގެން ބޭރުގައި 2 މަސް ދުވަހު ބޭސްކުރުމަށް މަޑުކުރިއިރު, ބޭސްފަރުވާއަށް އާސަންދަ ލިބުނު ކަމުގައިވީނަމަވެސް އިތުރު ބޮޑެތި ޚަރަދުތަކެއްވެސް ކުރަންޖެހުނެވެ. އަދި އެފަހަރު ރަށުގެ ރައްޔިތުންނާއި ހެޔޮއެދޭ އެތައް ފަރާތްތަކުން ވަރަށް ބޮޑެތި އެހީތެރިކަމެއް ދިން ކަމަށް އަޒާންގެ އާއިލާއިން ފާހަގަކުރެ އެވެ.

ބޭރުގައި 2 މަސްދުވަހު ކުރި ފަރުވާއިން އަޒާންގެ ދެ ކިޑްނީން %40 މަސައްކަތް ވަނީ ކޮށްފައެވެ. އަދި އެނބުރި ރާއްޖެ އައިކަމުގައި ވީނަމަވެސް ކޮންމެ މަހަކު އެއްފަހަރު ބަރާބަރަށް މާލެ ގޮސް ޑޮކްޓަރަށް ދައްކަމުންދިޔައިރު، އޭގެ 6 މަސްފަހުން އަނެއްކާވެސް ރާއްޖެއިން ބޭރަށް ގޮސް އަޒާން ޑޮކްޓަރަށް ދެއްކިއެވެ. އެގޮތުން ކުރެވުނު މަސައްކަތުން އަޒާންގެ ހާލު އޭރު ރަނގަޅުކުރެވުނެވެ. އަދި އޭގެފަހުން ކޮވިޑް-19 ޕެންޑެމިކް ދުވަސްކޮޅާއި ދިމާވެފައި ވަނިކޮށް، މާލެއިން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނެފައިވާނީ އަޒާންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ވަގުތުން ބޭރަށް ދިއުމަށެވެ.

އެހެންކަމުން އަޒާންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، އެތައް ބަޔެއްގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުން، އަޒާންގެ ކިޑްނީ ޓްރާންސްޕްލާންޓަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެގެން އިންޑިއާއަށް ދިޔައީ މިދިޔަ އަހަރުގެ މާޗު 19 ގައެވެ. އަޒާންގެ އާއިލާއިން ބުނީ، އެކޮޅަށް ގޮސް، އޭޕްރީލް މަހުގެ ފަހުކޮޅާއި ހަމައަށް ހަދަންޖެހޭ ޓެސްޓައް ހެދުމަށްފަހު، ކިޑްނީ ޑޯނާއެއްގެ ގޮތުގައި އަޒާންގެ މަންމަ ހަމަޖައްސަން އެއްވެސް މައްސަލައެއް ނެތްކަމަށް ޑޮކްޓަރުން ނިންމި ކަމަށެވެ. އެގޮތުން އަޒާންގެ މަންމައަކީ ކުޑައިރު ކިޑްނީ މައްސަލައެއް ދިމާވެފައިވާ ފަރާތެއް ކަމުން، އެ މައްސަލައާއި ބެހޭ ގޮތުން ޑޮކްޓަރުންނާއި މަޝްވަރާކުރުމަށްފަހު، އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނި ކަމަށެވެ.

ނަމަވެސް އޮޕަރޭޝަން ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރިތައް ވަމުން ދަނިކޮށ،ް އަޒާން ވަނީ އޭޕްރީލް މަހުގެ ފަހުކޮޅު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ކަރަންޓީނުވުމަށްފަހު، އަޒާންއާއެކު އުޅުނު އެންމެން ކޮވިޑް ޓެސްޓު ހެދިއިރު، އަޒާންގެ މަންމަވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އެހެން އެންމެންގެ ނަތީޖާ ވީ ނެގެޓިވް އެވެ.

އަޒާންގެ އާއިލާއިން ބުނީ، މިކަމާއި ބެހޭގޮތުން ޑޮކްޓަރުންނާއި މަޝްވަރާކުރުމުން، ކޮވިޑް ޖެހިފައިވަނިކޮށް ކިޑްނީ ޓްރާންސްޕްލާންޓް ނެހެދޭނެ ކަމަށް ޑޮކްޓަރުން އެންގި ކަމަށެވެ. އަދި އޮޕަރޭޝަން 6 މަސްދުވަހަށް ލަސްކޮށް، އޭގެ ކުރިން ޓްރާންސްޕްލާންޓާއި ގުޅޭ އެއްވެސް ފަރުވާއެއް ނުދެވޭނެ ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ.

އެހެންކަމުން އަޒާންގެ ފުރާނަ ސަލާމަތްކުރަން، ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ ކަމުގެ އުއްމީދުގައި 6 މަސްދުވަހު އިންޑިއާގައި މަޑުކުރަން ނިންމީ، ގަވާއިދުން ޑައިލިސިސް ހަދަން ޖެހޭތީވެ، ރާއްޖެއިން ކުޑަކުއްޖަކަށް އެންމެ އެކަށީގެންވާ ޑައިލެސިސް ނުހެދޭނެތީވެ ކަމަށް އަޒާންގެ އާއިލާއިން ބުންނެވެ.

ޑޮކްޓަރުން ދިން 6 މަސް ދުވަހުގެ މުއްދަތު އޮކްޓޯބަރު 28 ގައި ހަމަވިއިރު، ކޮވިޑް ބަލިން ރަނގަޅުވުމުން ހަދާ ރޫޓީން ޓެސްޓުތައް ހަދަން ފެށިކަމަށް އާއިލާއިން ބުންޏެވެ. އަދި ޑޮކްޓަރަށް ދެއްކުމުން 24 ގަޑިއިރުގެ ޔޫރިން ޕްރޮޓީން ޓެސްޓެސް ހަދާ، އޭގެ ނަތީޖާއިން އަޒާންގެ މަންމަގެ ޕްރޮޓީން ލެވެލް ހުންނަން ޖެހޭ މިންވަރަށްވުރެ ގިނައިން، ހުރި ކަން ވަނީ ދެނެގަނެވިފައެވެ. އެގޮތުން 149 ގައި ޕްރޮޓީން ލެވަލް ހުންނަން ޖެހޭއިރު، އޭރު ހެދި ޓެސްޓުން ޕްރޮޓީން ލެވެލް ހުރީ 302.4 ގަ އެވެ.

އެހެންވެ ޑޮކްޓަރުން އަނެއްކާވެސް ލަފާދިނީ ތިން ހަފްތާފަހުން އެ ޓެސްޓު އަލުން ހެދުމަށެވެ. އެގޮތުން ނޮވެމްބަރު މަހުގެ ފަހުކޮޅު މި ޓެސްޓް އަލުން ހަދާ، ލިބުނު ނަތީޖާއިން ޕްރޮޓީން ލެވެލް 243.8 އަށް ދަށް ކުރެވިފައިވާ ކަން ވަނީ ދެނެގަނެވިފައެވެ. ނަމަވެސް އެ މިންވަރަކީވެސް ކިޑްނީ ޑޯނާއަކަށް އެންމެ އެކަށީގެންވާ މިންގަނޑު ނޫންކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އަދި މި މައްސަލަ ދީމާވެފައި ވަނީ ކޮވިޑް ޖެހުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ.

އެއަށްފަހު ޑޮކްޓަރުން ބޭނުންވީ ކޮވިޑް-19 ގެ ސަބަބުން ކިޑްނީއަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ދެނެގަތުމަށް ކިޑްނީގެ ބަޔޮޕްސީ ޓެސްޓެއް ހަދާށެވެ. އާއިލާއިން ބުުނީ، ބަޔޮޕްސީ ޓެސްޓު ހެދުމަށްފަހު އެއް ހަފްތާ ފަހުން ލިބުނު 2 ރިޕޯޓުންވެސް އަޒާންގެ މަންމަގެ ކިޑްނީއިން އެއްވެސް މައްސަލައެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ފަހުކޮޅު ހެދި، ތިންވަނަ ޓެސްޓު، ބަޔޮޕްސީ އެލެކްޓްރޯން މައިކްރޮސްކޮޕީ ރިޕޯޓުން އާދައިގެ މީހަކާ އަޅާބަލާއިރު، ކިޑްނީގައި ކުޑަ ބަދަލުތަކެއް ފެނިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެހެންކަމުން ޑޮކްޓަރުން ލަދާ ދިނީ މި ކިޑްނީ ޓްރާންސްޕްލާންޓް ކާމިޔާބުވުމުގައި އޮތީ ފިފްޓީ-ފިފްޓީ ޗާންސެއް ކަމަށް އާއިލާއިން ބުންޏެވެ.

"ޓްރާންސްޕްލާންޓް ކޮށްފި ނަމަ އަޒާންގެ މަންމަގެ ކިޑްނީ ފަހުން ފެއިލްވުމުގެ ޗާންސް އެބައޮތް ކަމަށާއި، އަދި އަޒާން އަށް ކިޑްނީ ދީފިނަމަ މާ ގިނަ ދުވަހު ރަނގަޅާށް ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައި" އަޒާންގެ އާއިލާއިން ބުންޏެވެ.

އެހެން ނަމަވެސް އަޒާންގެ އާއިލާގެ އެހެން މީހަކަށް ކިޑްނީ ދެވިދާނެ ކަމަށް ޑޮކްޓަރުންގެ ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އަދި މިހާރު އާއިލާއާއި މަޝްވަރާ ކުރުމަށްފަހު އަޒާންގެ މަންމަގެ ކިޑްނީ ދިނުން ރަނގަޅު ނޫންކަމަށް ބަލާ، އިތުރު ގޮތެއް ފެންނަންދެން އާއިލާއިން ވަނީ މާލެ އައުމަށް މިވަގުތު ނިންމައިފަ އެވެ. އާއިލާއިން ބުނީ ވީހާވެސް އަވަހަަކަށް މާލެ ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މާލެ އައުމަށްފަހު އިންޑިއާގައި ހަފްތާއަކު ތިން ދުވަހު ޑައިލިސިސް ހެދި އުސޫލުން، މާލެ އައުމަށްފަހު މިވަގުތު މާލޭގައި ތިބެގެން ޑައިލިސިސް ހަދަން ނިންމައިފައިވާ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި މަޑުކުރަން ޖެހި، އަޒާންގެ ފަރުވާ ފުރިހަމަނުވެ އެނބުރި ރާއްޖެ އަންނަން ޖެހުނުނަމަވެސް، އަޒާންގެ މަންމައާއި ބައްޕަ އަދިވެސް އުއްމީދު ކަނޑައެއް ނުލައެވެ. އެމީހުންގެ އުއްމީދަކީ އަދި ދުޢާއަކީ ކިޑްނީ ޑޯނާއެއް ވީހާވެސް އަވަހަކަށް ހަމަޖެހި، ދަރިފުޅު އުފަލުގައި އުޅޭނެ ދުވަހެއް ދެއްކެވުމެވެ.

އަޒާންގެ ބޭސްފަރުވާގެ ކަންތައްތައް ދިޔަގޮތް ހިއްސާކުރަމުން އާއިލާއިން، ބުނީ އޭނާއަށް އެހީވި ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ހާއްސަކޮށް އަޒާންގެ މަންމަގެ އުފަން ރަށް ކުރިނބީ އާއި ބައްޕަގެ އުފަން ރަށް ނޭކުރަންދޫގެ ރައްޔިތުން އަޒާންއަށް އެހީވުމަށްޓަކައި، ކުރި މަސައްކަތްތައް އޭނާގެ އާއިލާއިން ޝުކުރުވެރިކަމާއެކު ފާހަގަކުރި އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް