ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ނޫސްވެރިޔާ އަޒާނަށް އިންޒާރުދިން މައްސަލަ ފުލުހުންނަށް މިމަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާންއަށް މަރުގެ އިންޒާރުދިން މައްސަލަ ބަލައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މީގެ ދެދުވަސްކުރިން، ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ 2020 އޮކްޓޫބަރު 12 ވީ ހޯމަ ދުބަހުގެ ރޭ 8:42 ހާއިރު ނޫސްވެރިޔާ އަޙްމަދު އަޒާނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކޮށް އެ ކައުންސިލްގެ ސަމާލުކަމަށް އަޒާން އެކަން ގެނެސްފައިވާކަމަށެވެ.
މީޑިއާ ކައުންސިލުން ވިދާޅުވެފައި ވަނީ ފަހަކަށް އައިސް އަޒާންއަށް ސޯޝަލް މީޑިއާގައާއި އެހެނިހެން ގޮތްގޮތުންވެސް މަރުގެ އިންޒާރާއި، އެކިކަހަލަ ފުރައްސާރަ ކުރުމުގެ އަމަލުތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ މަޢުލޫމާތު ދީފައިވާކަމަށެވެ.
މިފަދަ ކަންކަމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި، އަދި މި ބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި އެ ކައުންސިލުން ނުދެކޭ ކަމުގައިވެސް މީޑިއާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިންވެސް ދިވެހި ނުސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރުދީ ފުރައްސާރައައި ކުރިމަތި ވުމަށްފަހު ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާކަމުގައި އެކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.