މާދަމައިން ފެށިގެން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިންވަނަ ޑޯޒު ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑ ޒްތައް ފުރިހަމަކޮށް 06 މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި މާދަމައިން ފެށިގެން ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.
ރާއްޖޭގައި ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖަހަމުން އަންނަނީ ފައިޒާ ވެކްސިނެވެ. އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ބޫސްޓަރ ޑ ޒް ވެކްސިން ޖެހުމަށްޓަކައި mv.gov.hpa.book އިން އެޕޮއިންޓްމެންޓް ބުކް ކުރެވޭނެ ކަމަށެވެ.
ވެކްސިން ޖަހަންދާއިރު ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރި ކަންކަން:
• އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
• ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
• ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން )ކޮނޑު( ދެއްކޭނެ ހެދުމެއްލުން
• ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
• ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
• ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ފެށުމަށް ތާވަލު ކުރި، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުމުގެ ޕްރޮގްރާމް ފެށުން ލަސްވީ ބޫސްޓާ ޑޯޒު ވެކްސިން ޖެހުމަށް ބޭނުންވާ އިތުރު ސާމާނުތައް ލިބުން ލަސްވާތީކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
އާއްމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒު ޖަހަން ފެށުމަށް ބޭނުންވާ ފައިޒާ ވެކްސިންގެ އާ ޝިޕްމެންޓް، އެއްލައްކަ ޑޯޒުގެ ފައިޒާ ވެކްސިން ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހުގެ 18 ގައެވެ.