މާފުށި ޖަލު--

ގައިދީންތަކެއް ޕޮޒިޓިވްވެ، މާފުށި ޖަލު ކުއްލި ހާލަތަށް

އޮފިސަރުންނާއި ގައިދީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މާފުށި ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފި އެވެ.

މަޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާފުށީ ޖަލުގައި ކޯވިޑް-19 ގެ ޢަލާމަތް ހުރި އޮފިސަރުންނާއި ޤައިދީންގެ ނެގި ސާމްޕަލްތަކުގެ ތެރެއިން 07 އޮފިސަރުން އަދި 14 ޤައިދީން އިއްޔެ ވަނީ އެ ބައްޔަށް ފައްސިވެފައިވާ ކަމަށެވެ.

މި ޙާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، ކަރެކްޝަން އިން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އެގޮތުން މިއަދު ހަވީރު 4:00 ން ފެށިގެން މާފުށީ ޖަލު ކުއްލި ޙާލަތަށް ގެނެވޭނެ ކަމަށް ކަރެކްޝަނުން ބުންނެވެ.

އަދި މާފުށީ ޖަލު ޢާންމު ޙާލަތަށް ގެނެވެންދެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނާއި ބަންދުމީހުންނަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

އިއްޔެ އަލަށް ޕޮޒިޓިވްވި ގިނަ އަދަދެއްގެ މީހުންނާއެކު، ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 100،000 އިން މައްޗަށް އަރައިފި އެވެ. ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އެގޮތުން އިއްޔެވެސް 800 އަށްވުރެ ގިނަ މީހުން ކޮވިޑަސް ޕޮޒިޓިވްވެފައިވެ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވަނީ އޮމިކްރޮން ވޭރިއަންޓް މުޖުތަމައުގައި ފެތުރޭތީ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް