ކޮވިޑް-19: މިއަދުގެ ޕޮޒިޓިވް އަދަދު 1400 އިން މަތި، މާލެއިން އެކަނިވެސް 826 ކޭސް

މާލެއިން 826 ޕޮޒިޓިވް ކޭސްއާއެކު، މުޅި ރާއްޖެއިން އިތުރު 1420 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.  މިއީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޓެސްޓުކުރި 6،456 ސާމްޕަލްގެ ނަތީޖާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އިން މިއަދުގެ އެވަގުތާއި ހަމައަށް އަތޮޅު ތެރެއިންނާއި މާލެ ސަރަހައްދުން  ޕޮޒިޓިވްވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 826 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅު ތެރޭގެ ރަށްތަކުން 346 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓުތަކުން ވަނީ 84 ޕޮޒިޓިވް ކޭސް ފެނިފައެވެ.

ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އަދި މިހާލަތަށް ލުޔެއް ނުލިބެ، ޕޮޒިޓިވްވާ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މި އަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 6،993 އަށް އަރައިފަ އެވެ. އަދި މިހާތަނަށް މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 105،001 އަށް އަރައިފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި 32 މީހަކު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 265 މީހެކެވެ. އަދި ކޮވިޑް ބަލިން ރަނގަޅުވެފައި ވަނީ 97،730 މީހުންނެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ އަދަދު މިދުވަސްވަރު އިތުރުވަމުން އަންނަނީ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮން ވޭރިއަންޓްގެ ކޮމިއުނިޓީ ސްޕެރެޑެއް އުޅޭތީ ކަމަށް އެޗްއީއޯސީން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އޮމިކްރޮން ވޭރިއަންޓުގެ ރާޅު ފެތުރި، ޕޮޒިޓިވްވާ އަދަދު އެތައް ގުނައަކަށް އިތުރުވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ