ކޯވިޑް-19އަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ، މެޑިކަލް ފެސިލިޓީއަށް ގެނައި ބަލިމީހަކު ލިފްޓަށް އަރުވަނީ. ފޮޓޯ: އަލީ ނަސީރު / ޕީއެސްއެމްނިއުސް

މިއަދުގެ ޕޮޒިޓިވްވި ޢަދަދު 2000 އިން މަތީގައި، މާލެއިން އެކަނިވެސް 1200

ރާއްޖެއިން އިތުރު 2،137 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޓެސްޓުކުރި 7،171 ސާމްޕަލްގެ ނަތީޖާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އިން މިއަދުގެ އެވަގުތާއި ހަމައަށް އަތޮޅު ތެރެއިންނާއި މާލެ ސަރަހައްދުން ޕޮޒިޓިވްވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 1،219 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅު ތެރޭގެ ރަށްތަކުން 547 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓުތަކުން ވަނީ 89 ޕޮޒިޓިވް ކޭސް ފެނިފައެވެ.

ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އަދި މިހާލަތަށް ލުޔެއް ނުލިބެ، ޕޮޒިޓިވްވާ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މި އަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 9،574 އަށް އަރައިފަ އެވެ. އަދި މިހާތަނަށް މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 108،732 އަށް އަރައިފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި 43 މީހަކު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 265 މީހެކެވެ. އަދި ކޮވިޑް ބަލިން ރަނގަޅުވެފައި ވަނީ 98،880 މީހުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ