ދިވެހިންނަށް ވިސާ ނެތި ތުރުކީވިލާތަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ޤާއިމްކުރަން ދެޤައުމުން ނިންމައިފިކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި، އޭގެ ބަދަލުގައި ވިސާ-ފްރީ އެއްބަސްވުމެއް އެކުލަވާލުމަށް ތުރުކީވިލާތަށް ހުށަހެޅުއްވިކަމަށެވެ. އަދި އެކަމަށް ތުރުކީވިލާތުގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިއަދު ދެ ޤައުމުގެ މެދުގައި 5 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރުކިޔޭ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ވަކިން ހާއްސަކޮށް ދެޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެގްޒިބިޝަންތަކާއި ފެއަރތައް އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އިޤްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމަކީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިޤްތިސާދީ ގުޅުން ވަރުގަދަކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.
މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރުކިޔޭ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން އެގްރިކަލްޗަރަލް ކޯޕަރޭޝަން
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި، ހުނަރު ތަރައްޤީ ކުރެވޭނެއެވެ. އަދި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ފުރުސަތު ލިބޭނެއެވެ.
މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ޓާރކީ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އިން ދަ ފީލްޑް އޮފް އެންވަޔަރަންމަންޓް
މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގަޔާއި، ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ކެމިކަލްފަދަ ތިމާވެއްޓަށް ނުރައްކާތެރި ޒާތުގެ ކުނިބުނި ނައްތާލުމުގެ ކަންކަމުގައިވެސް ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ.
މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ ފޯރ ކޯޕަރޭޝަން ބިޓްވީން ދަ ޑިޕްލޮމެސީ އެކެޑަމީ އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް ތުރުކިއޭ އެންޑް ދަ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ޑިޕްލޮމެޓިކް ޓްރެއިނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމެންޓޭޝަން
މި އެއްބަސްވުމުގެ ދަށުން ޚާރިޖީ ދާއިރާގާ މީހުން ބިނާ ކުރުމަށާއި ޚާރިޖީ ދާއިރާގެ ތަޢުލީމީ ފްރޮގްރާމްތައް އިތުރުކުރެވޭނެއެވެ. އަދި ތުރުކީ ސަރުކާރުގެ އެހީގައި ދިވެހި ޚާރިޖިއްޔާގައި ޕްރޮފެޝަނަލް ޚިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ. އަލަށް އަމަލުކުރަން ފެށި ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ފޮރިން ސަރވިސް އިތުރަށް ހަރުދަނާކުރުމަށް ފޮރިން ސަރވިސް އިންސްޓިޓިއުޓަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން، ޒަމާނީ އަދި ހަރުދަނާ ފޮރިން ސަރވިސްއެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.
އެގްރީމަންޓް އޮން ކަލްޗަރަލް ކޯޕަރޭޝަން ބިޓްވީން ދަ ރިޕަބްލިކް އޮފް ޓުރުކިޔޭ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
މި އެއްބަސްވުމުގެ ދަށުން ތުރުކީ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ސަގާފަތް ދިރުވައި އާލާކޮށް ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށް މަސައްކަތްކުރެވިގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފްކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަމައެއާއެކު މިއުޒިކާއި ވިޝުއަލް އާޓްސް އަދި ޕަރފޯމިން އާޓްސް ފަދަ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުމަށް ތުރުކީވިލާތުގެ އެހީތެރިކަން ލިބޭނެއެވެ.