އެމްޑީޕީއަކީ ޣައްދާރުން ތަމްރީނުކުރާ ޔުނިވާސިޓީއެއް: ނާސިފް

އެމްޑީޕީއަކީ ހާއިނުންނާއި، ޤާތިލުންނާއި އަދި ޣައްދާރުން ތަމްރީނުކޮށް ގައުމު ފަސާދަކުރަމުންދާ ޔުނިވާސިޓީއެއް ކަމަށް ރ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވެއްޖެއެވެ.

ނާސިފް މިހެން ވިދާޅުވީ، މާދަމާ އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ ކަންކަމަށް އިޝާރާތް ކުރަށްވާ ވާހަކަ ދައްކަވަމުންނެވެ. ނާސިފް ވިދާޅުވީ ޝަހީދް ހުސައިން އާދަމް ފަދައިން ގައުމަށްޓަކާ ގުރުބާންވި ބަތޮލުންގެ ވާހަކަ ދެއްކީމަ އެމްޑީޕީގެ ވެރިން ރުޅި އަންނަނީ އެފަދަ ބަތޮލުންގެ ފުރާނައިގެ ލޭ އުނގުޅިފަ ތިބި ހާއިނުންނާ ގާތިލުން އެޕާޓީގެ ތެރޭގައި ތިބީމަކަމަށެވެ. އެގޮތުން ހުސައިން އާދަމަކީ ސިއްކަ އާއިލާއިން ވެރިކަމުގެ ދަހިވެތިކަމުގައި ލަންކާގެ ކުލީ ސިފައިން ގެނެސް ރާއްޖޭގައި ކުރި ބަގާވާތުގައި ފުރާނަ ދުއްވާލި ޝަހީދެއް ކަމަށާއި އެވާހަކަ ދެއްކީމަ އެމްޑީޕީގެ ބޮޑުން ލޭ ކެކެނީ އެހެންވެގެން ކަމަށް ނާސިފް ވިދާޅުވިއެވެ. ނާސިފް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮންޑި ކާމިޔާބު ކުރަން އިމްރާން އަބްދުﷲ ކަހަލަ ދޮގު ހުވާ ކުރާ މީހުން ގެންގޮސްގެން ވައުދު ބުނުވާއިރު އައިސްދާނެ ކޯފާއަކަށްޓަކާ ﷲ އަށް ބިރުވެތިވާން ޖެހޭނެކަމަށެވެ. އެގޮތުން އިމްރާނަކީ ނަޝީދު ބޮލުގަ ލާދީނީ ތާޖު އަޅުވާ އޭނައަށް ބައިއަތު ހިފާނީ ލާދީނީ ފިކުރަށް ހިތްވަރު ދޭ މީހުން ކަމަށް ވިދާޅުވެ ރޮއެ ކަރުނަ އެޅި ބޭފުޅެއްކަމަށާއި އޭގެ އިތުރުން މޭޑޭ ނަމުގައި ކުރަން އުޅުނު ބަގާވާތުގައި ފޮޓޯ ކޮޕީ ތަކެއް ދައްކާ ރައްޔިތުން މަގު ފުރެއްދި ހާއިނެއް ކަމަށެވެ.

"އިންޝާﷲ ކިޔާފަ އިނގިލި މައްޗަށް ނަގާފަ އިމްރާން ނޫންތޯ ބުނީ އަންނި އަކީ ލާދީނީ އެޖެންޓެކޭ ހެޔޮނުވާނޭ އޭނަގެ އަވައިގަ ޖެހެން. އިމްރާން ނޫންތޯ ﷲ ގަންދީ ހުވާކޮށްފަ ޑރ. އަފްރާޝީމް ގަތުލުކުރުމާ އިދިކޮޅު ލީޑަރާ ގުޅުވީ. އިންސާނެއްގެ ކިބައިން މުނާފިގުންގެ ސިފަތައް ފެންނާނީ މިވަރަކަށް. ހެޔޮނުވާނެ މިވަރުގެ މުނާފިގު ސިފަތައް ހުރި މީހުން ގެންގޮސްގެން ކެމްޕެއިން ކުރަން" ނާސިފް ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ ކޮމަންޑޫ ދާއިރާ ތަމްސީލު ކުރަން އެމްޑީޕީގެ މެންބަރެއް ހުރުން މުހިންމު ނޫންކަން އެދާއިރާގެ ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިއޮށް ހުރިހާ ޒަމާންތައް ވަންދެން އެމްޑީޕީގެ މެންބަރަކު ހުރެގެން ނުވި ވަރަށް މެންބަރަކު ނެތި މިދިޔަ ދޮޅުމަސްތެރޭ މަސައްކަތް ފަށައިފިކަމަށާއި އެކަމުން ދޭހަވަނީ އެމްޑީޕީގެ މެންބަރެއް މުހިންމު ނޫން ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން ސަރުކާރުން ދަމާ ކެހިވެރި މަޅިފަތީގައި ރައްޔިތުން ނުޖެހުމަށް ނާސިފް ގޮވާލެއްވިއެވެ.

ނާސިފް ވިދާޅުވީ، ދައުލަތުގެ މުދަލާ ވަސީލަތްތައް އަދި ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން އެމްޑީޕީ ގެ ސަރުކާރުން ހިންގާ އެންމެހާ ޖަރީމާތައް ބެލޭނެ ދުވަސް ﷲ މިންވަރު ކުރައްވާނެ ކަމަށެވެ. އެގޮތުން ވެރިކަމުގަ ތިބި ގައްދާރުންނާ ގާނޫނު އަރާ ހަމަކުރާ ދުވަސް ކައިރިވަމުން އަންނަކަން ފާހަގަކުރެއްވިއެެވެ.

މިލިޔުން ކިޔާލުމުން
121
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ