އަލްއުސްތާޛު މޫސާ ފަތުހީ އާދަމް - ފޮޓޯ: ޕީއެސްއެމް

ފަތުހީ ޤާސިމަށް: ތިޔަ ވިއްކަނީ އިބިލީހުގެ ވަސްވާސް!

ސަރުކާރު ކޯލިޝަނުގެ އެއް ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ވިއްކަނީ "އިބިލީހުގެ ވަސްވާސް" ކަމަށް، ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ފަތުހީގެ ކެމްޕެއިން ޖަލްސާއެއްގައި ފަތުހީ މިހެން ވިދާޅުވީ، މައިން ބަފައިން ކުރިމަތިލިޔަސް ވާޓު ދޭންވީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓަށް ކަމަށް ޤާސިމް އިބްރާހީމް ވިދާޅުވެފައިވާތީ ރައްދު ދެއްވަމުންނެވެ.

އެމްޑީޕީގެ ކެންޑިޑޭޓް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯއްދަވައިދެއްވުމަށް ނިމިދިޔަ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު މަރޮށްޓަށް ވަޑައިގެން ޤާސިމް ވިދާޅުވެފައިވަނީ، "މަންމަ ކުރިމަތިލިޔަސް ބައްޕަ ކުރިމަތިލިޔަސް ދާއިރާގެ ތަރައްގީއަށް އޮތް ގޮތަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދިނުން" ކަމަށެވެ.

ޤާސިމްގެ އެ ވާހަކަފުޅަށް ރައްދުދެއްވައި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ ވިދާޅުވީ، އޮނަރަބަލް ގާސިމް އިބްރާހީމަށް ދަންނަވާލަން ބޭނުންވަނީ މަންމަގެ ލޯތްބާއި، ބައްޕަގެ ލޯތްބާއި، މަންމަގެ ހެޔޮ ދުއާއާއި، ބައްޕަގެ ހެޔޮ ދުއާއާއި ނުލައި އެއްވެސް ދަރިއަކަށް ސުވަރުގެ ލިބުން ނުވާ ކަމަށާއި، އެއީ އޭނާ ހަދައިގެން ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އަދި އެހެންމެ ތިމާގެ މީހުންގެ ލޯތްބާއި ތިމާގެ މީހުންގެ ހެޔޮ ދުއާއަކީ މުޖުތަމަޢު ބަދަހިކުރުމަށާއި، މުޖުތަމައި ޝަރަފުވެރި ކުރުވުމަށާއި ރަށެއްގެ އިޖުތިމާއި ގުޅުން ބަދަހިކުރުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަމަށްވެސް ފަތުހީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނުނީ މި އިންތިޚާބާއި ގުޅިގެން އިބިލީހުގެ ވަސްވާސް ކޮމަންޑޫ ރައްޔިތުންނަށް ވިއްކާތަން. ﷲ ތައާލާގެ ވަހީ ބަސްފުޅު ގަބޫލުކުރާ، އިސްލާމްދީނުގެ ހަމަތައް ގަބޫލުކުރާ، އެއަށް ތަބާވާ އެއްވެސް މީހަކު ނުބުނާނެ އެއްވެސް ކަމެއްގައި މައި ބަފައިވަންތަކަމާއި، ދަރިވަންތަކަމާއި އަދި އާއިލީ ގުޅުން ކަނޑާށެކޭ. ސިޔާސީ ކަމަކާއި ގުޅިގެންވެސް. ﷲ ތައާލާ ގުދުރަތުން ގުޅުވައިފި ގުޅުމެއްގެ އަގު ނައްތާލުމަކީ އެކަލާންގެ ތަދުބީރުކުރެއްވި ގޮތް ބަލައިނުގަނެވޭ މީހުންގެ ގޮތެއް." ޤާސިމަށް ރައްދުދެއްވަމުން މޫސާ ފަތުހީ ވިދާޅުވިއެވެ.

ފަތުހީ ވިދާޅުވީ، އިބިލީހުގެ ވަސްވާހުގައި ފުރަތަމަ ބުނާނީ މައިން ބަފައިންނަށް އިހުތިރާމްކުރުންފަދަ ކަންކަން ގަބޫލުނުކުރަން ކަމަށާއި، ދަރިންނަށް އިބިލީސް ވަސްވާސް ދޭނީ މައިންބަފައިން ދަރިންނާއި ދޭތެރޭ ތަފާތުކުރާކަމަށާއި، އަޅާނުލާކަމަށް އަދި ލޯބިވެސް ނުވާކަމަށް ބުނަމުން ކަމަށެވެ. ކޮމަންޑޫ ރައްޔިތުންނަށް ހެޔޮ އެދިގެން އަންނަ މީހަކު މައިންބަފައިންގެ ނަސޭހަތާއި ދުރަށްދާށް ބުނުންފަދަ  އިބިލީހުގެ ވާހަކަ ނުވިއްކާނެކަމަށް ފަތުހީ ވިދާޅުވިއެވެ.

"އަޅުގަނޑު ނޭދެން އަޅުގަނޑުމެން ރަށުވަންތަކަމުގެ ގުޅުން ކަނޑާފައި އަޅުގަނޑަށް ވޯޓު ދޭކަށް. އަޅުގަނޑު ނޭދެން އާއިލީ ގުޅުން ކަނޑާފައި އަޅުގަނޑަށް ވޯޓް ދޭކަށް. އަޅުގަނޑު ނޭދެން މައިންބަފައިންނަށް ބަދުބަސް ދީފައި އަޅުގަނޑަށް ވޯޓް ދޭކަށް. އެ ސާބިތުކަން އެބަހުރި، ﷲ ތައާލާ ދެނެވޮޑިގެންވާނެ އަޅާގެ ޢަމަލުތަކުގެ މައްޗަށް މޮޅަށް. އަމަލުންވިޔަސް ބަހުންވިޔަސް މިކަހަލަ ދެރަވަރު ވާހަކަ އަޅުގަނޑު ދައްކާކަށް ނެތިން." ޕީޕީއެމްގެ ކެންޑިޑޭޓް އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ވިދާޅުވިއެވެ.

ފެބުރުވަރީ ފަހެއް ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދާއި، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ޢަބްދުލް ޙައްނާން އިދުރީސްއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ