ބްރެޒިލުން ރާއްޖެ އައި ދެމީހެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި.-- ފޮޓޯ: ކަސްޓަަމްސް

21 މިލިއަން ރުފިޔާގެ ކޮކެއިން އެތެރެކުރި ބްރެޒިލްގެ ދެ މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެ ޤައުމުގެ ދެ ރައްޔިތެއްގެ އަތުން  ހަތަރު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މި މަސްތުވާތަކެތީގެ މަގުމަތީ އަގު 21 މިލިއަނަށް އަރާކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

ކަސްޓަމްސް އިން ބުނީ، މަސްތުވާތަކެތި ފެނުނީ އިއްޔެ ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި، އުމުރުން 23 އަހަރުގެ ބްރެޒިލް އަންހެނަކާއި މެދު ޝައްކުކުރެވިގެން މި ދެފަސިންޖަރުންގެ ލަގެޖް އިން އިތުރަށް ބަލައި ފާސްކުރުމުގެ ތެރެއިންކަމަށެވެ.

އެގޮތުން ފުރަތަމަ މި ދެމީހުންގެ ލަގެޖުން ފެނުނު ތަކެތި މަރުޙަލާގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް  ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެ އެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، 21 އަހަރުގެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 1.760 ކިލޯގުރާމް ހުރި އިރު 23 އަހަރުގެ މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި  2.503 ކިލޯގުރާމް ހުއްޓެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 4.263 ކިލޯގުރާމް ހުއްޓެވެ.

"މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21،315،000.00 (އެކާވީސް މިލިއަން ތިންސަތޭކަ ފަނަރަ ހާސް) ރުފިޔާއަށް އަރައެވެ." ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ، މިމައްސަލަތަކުގައި ޝާމިލްވާ ދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންނާއި ހަވާލުކޮށްފައި ކަމަށެވެ.

މީގެ ކުރިން ވެސް ބްރެޒިލް އިން ރާއްޖެއަށް އައި މީހުން އެއާޕޯޓުން ޑްރަގާ އެކު ހައްޔަރުކޮށްފައި އެބަހުއްޓެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު 18 ކިލޯގެ މަސްތުވާތަކެއްޗާއެކު ބްރެޒިލް އަންހެނަކާއި ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ މިހާރު ބަންދުން ދޫކޮށްލާފައިވާއިރު، ފިރިހެން މީހާ ހުރީ ބަންދުގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ