ރާއްޖެއިން އިތުރު 1576 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޓެސްޓުކުރި 5،343 ސާމްޕަލްގެ ނަތީޖާއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އިން މިއަދުގެ އެވަގުތާއި ހަމައަށް މާލެ ސަރަހައްދުން 517 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅު ތެރޭގެ ރަށްތަކުން 771 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓުތަކުން ވަނީ 87 ޕޮޒިޓިވް ކޭސް ފެނިފައެވެ.
ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަރަށް ބޮޑަށް މަތީގައި އުޅުމަށްފަހު، މި އަދަދު ވަނީ މަޑުމަޑުން މިހާރު ދަށްވާން ފަށައިފަ އެވެ. އެގޮތުން މާލެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދުވެސް މިހާރުވަނީ ދަށްވެފަ އެވެ.
މި އަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ހުރީ 16،775 އެވެ. އަދި މިހާތަނަށް މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 151،913 އަށް އަރައިފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި 60 މީހަކު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 284 މީހެކެވެ. އަދި ކޮވިޑް ބަލިން ރަނގަޅުވެފައި ވަނީ 134،841 މީހުންނެވެ.



