މަރާލި ދޫނިތައް

ދޫނިތައް މަރާލިގޮތުގެ ތަފްސީލު ރިޕޯޓެއް ހަދަން ރައީސް އަންގަވައިފި

ރާއްޖެއަށް ޤަވައިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް ކަމަށް ބުނެ އެ ދޫނިތައް މަރާލި މައްސަަލައިގައި، ކަން ހިނގައިފައިވާ ގޮތުގެ ތަފްސީލު ރިޕޯޓެއް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް،  ފިޝަރީޒް މިނިސްޓްރީއަށް އަންގަވައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް އެތެރެކުރި ގުރާ އާއިލާގެ 120 ދޫނި އިންޖެކްޝަން ޖަހައިގެން ފިޝަރީޒް މިނިސްޓްރީން އިއްޔެ ވަނީ މަރާލައިފަ އެވެ. މި ދޫނިތައް މަރާލައިފައި އޮއްވާ ނަގައިފައިވާ ފޮޓޯތައް އިއްޔެ ފޭސްބުކްގައި އާއްމުވުމާއެކު އެތައް ބަޔަކު ވަނީ އެކަމާ ދެކޮޅާށް ނުރުހުން ފާޅުކޮށް އަޑުއުފުލައިފަ އެވެ.

މި ދޫނިތައް މަރާލާފައިވަނީ އޭޖީ އޮފީހުގެ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މި މައްސަލައިގައި ކަންކޮށްފައިވާ ގޮތް ކަމުނުގޮސް، ބައެއް އިސް މީހުންނާއި، އާއްމުންގެ އެތައް ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ފިޝަރީޒް މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފުސީލީ ރިޕޯޓެއް ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް ރައީސް އަންގަވައިފައިވާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ