ޕީސީއާރާއި ނުލައި ރަށްރަށަށް ދަތުރުކޮށް، އެއްވުންތައް ބޭއްވޭގޮތް ހަދައިފި

ވެރިރަށް މާލެއިން އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭގޮތަށް އުޞޫލު ބަދަލުކޮށްފިއެވެ.

މިރޭ އެޗްޕީއޭއިން ވިދާޅުވީ، ނިމިދިޔަ ޖަނަވަރީގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާ ކަމަށެވެ.

މިއަދު ދީފައިވާ ލުއިތައް:

  • މާލެއިން ރާއްޖޭގެ ރަށްރަށަށް ދަތުރުކުމުގެ ކުރިން ޕީ.ސީ.އާރު ޓެސްޓް ހަދަން އޮތް އޮތުން އުވާލުން.
  • ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާމީހުން ނުވަދެވޭގޮތަށް އޮތް އޮތުން އުވާލުން
  • މާލޭގައި އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލުން.

އެޗްޕީއޭއިން ވިދާޅުވީ، މާލޭގައި އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލިޔަސް ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި ރައްކާތެރިކަމުގެ ގައިޑްލައިނަށް އަމަލުކުރަންވާނެ ކަމަށެވެ. އަދި އެއްވުންތަކާއި، ހަފްލާތައް އަދި އިވެންޓްތައްވެސް ބާއްވަން ވާނީ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގެ ހުއްދަ ދިނުމަށް އެޗްޕީއޭއިން ނިންމެވިއިރު، މާދަމާ އެކަނިވެސް މާލޭގައި 85 ކައިވެންޏެއް ކުރުމަށް ތާވަލުކުރެވިފައިވެއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ