މާބައިދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުޅާކޮށްދޭނަން: ރައީސް

އަންނަ އަހަރުގެ ކުރީކޮޅު، މާބައިދޫގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އިޢުލާނުކުރެއްވީ މާބައިދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އަންނަ އަހަރަކީ މާބައިދޫގެ ތަރައްޤީއަށް މުހިއްމު އަހަރަކަށް ވެގެންދާނެއެވެ. އެގޮތުން، ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ވީ ވަޢުދެއް މިރަށުގެ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރަން. އެކަން ކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މާބައިދޫގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ރައީސް ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ މެދުވެރިކޮށް އައު ޖަނެރޭޓަރެއް ގެނައުމާއި، ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކެއްގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި، ލ. އަތޮޅު މަދުރަސާގެ މަލްޓިޕަރޕަސް ހޯލު ޤާއިމުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، އަދި ޒަމާނީ ފުޓުބޯޅަ ދަނޑެއް ޤާއިމުކުރުމުގެ މަސައްކަތް އާރް.ޑީ.ސީއާ ހަވާލުކުރެވުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ