މާފުށި ޖަލު - ފޮޓޯ: އަވަސް

މާފުށީ ޖަލުގެ ކޮމާންޑަރަކު ސަސްޕެންޑްކޮށްފި

މާފުށީ ޖަލުގެ ދެ ގޮޅިއަކުން ގައިދީން ނެރެ އެ މީހުންގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.

މާފުށީ ޖަލުގެ ހާލަތު ބެއްލެވުމަށް މާފުށީ ޖަލަށް މިއަދު ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިދިޔަ ބުރާސްފަތިދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އަނިޔާވި ކަމަށާއި، މައްސަލަ އުފެދުނީ ޖަލުގެ އޮފިސަރަކަށް ގައިދީއަކު ހަމަލާދިނުމުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޖަލު އޮފިސަރުން ގައިދީން ގައިގައި ތަޅައިގަތީ، އެހެން ގޮޅިއަކުން އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުން ހިނގި ޒުވާބެއްގައި އޮފިސަރަކަށް ހަމަލާދިނުމުންނެވެ.

އެ ހަމަނުޖެހުން ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ގައިދީންނަށް އަނިޔާކުރުމުގެ ތެރޭގައި ބޯބޭލި ވާހަކަ މިނިސްޓަރު ދޮގު ކުރެއްވި އެވެ.

އިމްރާން ވިދާޅުވީ ގައިދީއެއްގެ ބޯ ޓްރިމަރަކުން ތުނިކޮށް ކޮށާލި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، މި މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އީއެސްޖީގެ ކޮމާންޑަރު ސަސްޕެންޑް ކޮށްފައިވަނީ މައްސަލަ ތަހުގީގުކޮށް ނިމެންދެނެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި، ގޮޅިން ގައިދީން ނެރެ ފުރަގަހަށް ބިޑިއަޅުވައި އަނިޔާކޮށް، ބައެއް މީހުންގެ އަންނައުނު ވެސް ވީދާލި ކަމަށް ވެ އެވެ. މި ދަރަޖައިގެ ލާއިންސާނީ އަނިޔާ ހިންގި ކަމަށް ކަރެކްޝަނަލް ސާވިސް އިން ފުރަތަމަ ދޮގު ކުރި އެވެ.

ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިޔާކުރާ ކަމަށް ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މި ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ވެސް ސާފުކޮށް ބުނެފައިވެ އެވެ. ޖަލަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށާއި ގައިދީންނާ ދޭތެރޭގައި އިންތިހާ އަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Rozaina

    Iboo aa hedhi kihaabodu museebaatheh jehifa miothee adhi miulhenee verikamah erithaa 2 dhuvas nuvegen mihaaru hurihaa meehun maraa huskuran midhimaakuree dhen aynage dhauru nimendhen bahahtaifeeya mi raahjayga ekakuves nuhunnaane

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ