މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ގައިދީންގެ ބޯ ތުނިކޮށް ކޮށިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމުގެ ހާލަތު ބެއްލެވުމަށް މާފުށީ ޖަލަށް މިއަދު ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެމަޖެންސީ ހާލަތްތަކުގައި މިހާތަނަށް ގައިދީން "ބަސް ނޭހުމުން" ބޯ ތުނިކޮށް ކޮށާ ކަމަށާއި ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކުގައިވެސް ގައިދީންގެ ބޯ ތުނިކޮށް ކޮށި ކަމަށެވެ. އަދި އެއީ އެކަން ވެގެން ވާނެ ގޮތް ނޫން ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގައިދީންގެ ބޯ ބޭލި ކަމަށް ފެތުރުނު ވާހަކަތައް އިއްޔެ ކަރެކްޝަންސް އިން ވަނީ ދޮގުކޮށްފަ އެވެ. އެކަމާ ގުޅިގެން އިމްރާންއާ ސުވާލު ކުރުމުން ވިދާޅުވީ؛ "އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގެ ކަރެކްޝަންސްއިން ދޮގުކުރަންޔާ އެ ދޮގު ކުރަނީ ކީއްވެ ކަމެއް. ގައިދީންގެ ބޯ ނުއެއް ބާލާ. ނަމަވެސް ވަރަށް ތުނިކޮށް ކޮށާފައި ހުރި،" ކަމަށެވެ.
މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އަނިޔާވި ކަމަށާއި، މައްސަލަ އުފެދުނީ ޖަލުގެ އޮފިސަރަކަށް ގައިދީއަކު ހަމަލާދިނުމުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.




