"ހަރިކޭން" އަދި "ޓީމް ޔެޓީ" އިން ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022 ގެ ފެށުން ރަނގަޅުކޮށްފިއެވެ.
ފުޓްސަލްކުޅުމަށް މޮޅު ކުޅުންތެރިންތަކެއް ހދ. ހިރިމަރަދޫގައި އުފެއްދުމާއި ރަށުގެ ޒުވާނުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް އާލާކުރުމުގެ މަޤްޞަދުގައި "ކުލަބު ޑޮމިނޭޓާރސް" އިން އިންތިޒާމްކޮށްގެން، އެރަށުގައި ބާއްވާ މި މުބާރާތް ފަށާފައިވަނީ މިއަދުއެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ އެފްސީ ހިރިއާއި، ޔެޓީ އަދި ހަރިކޭންގެ އިތުރުން ޓީމް ރޯޔަލްއެވެ.

މިއަދު ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އެފްސީ ހިރި އާއި ހަރިކޭންއެވެ. 5 ލަނޑު 4 ލަނޑުން މި މެޗް ހަރިކޭން ކާމިޔާބުކުރިއިރު، މެޗުގެ ކިންގް އޮފް ދަ މެޗަށް ހޮވިފައިވަނީ ހަރިކޭންގެ ޖާޒީ ނަންބަރު 10 އަލީ ރިފްޢަތުއެވެ.

ޓީމް ރޯޔަލްއާއި ޔެޓީ ބައްދަލުކުރި މުބާރާތުގެ ދެވަނަ މެޗު، ޔެޓީން ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކިންގް އޮފް ދަ މެޗަށް ހޮވިފައިވަނީ ޔެޓީގެ ޖާޒީ ނަންބަރު 12 އަޙްމަދު މުޙައްމަދެވެ.

ހަރިކޭން އާއި ޔެޓީ އަދި އެފްސީ ހިރި އާއި ޓީމް ރޯޔަލް ބައްދަލުކުރާ ދެ މެދު މާދަމާވެސް ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. ފޯރިގަދަ މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 24 ޖުލައި 2022 ގައި ހިރިމަރަދޫގައެވެ.



