ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ފައިނަލް މެޗުގެ ތެރެއިން - ފެށުން ފޮޓޯ: ވިސާމް

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ތަށި ދުވާފަރުން ދިފާއުކޮށްފި

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ތަށި ދުވާފަރުން ދިފާއުކޮށްފި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން (ރ. އަތޮޅު ކައުންސިލް) މިދައުރު ފެށުނު ފަހުން ދެވަނަ ފަހަރަށް ބޭއްވި އަތޮޅު ފުޓްސަލް ޗެލެންޖުގެ ތަށި މިއަހަރުވެސް ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރު އަނެއްކާވެސް ތަށި ދިފާއުކޮށްފިއެވެ.

އިންނަމާދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލްގައި ބައްދަލުކުރީ އިނގުރައިދޫ އަދި ދުވާފަރެވެ. މި ފޯރިގަދަ ފައިނަލް މެޗު ދުވާފަރުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 06-00 އިން އިނގުރައިދޫ ބަލިކޮށްގެނެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ފައިނަލް މެޗުގެ ތެރެއިން - ފެށުން ފޮޓޯ: ވިސާމް

ދުވާފަރުގެ ހާހެއްހައި ސަޕޯޓަރުންނާއި، އިނގުރައިދޫގެ ހަތަރުސަތޭކައެއްހައި ސަޕޯޓަރުންގެ އިތުރުން އަތޮޅުގެ އެކި ރަށްތަކުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެ މެޗު ފޯރިނަގަމުންދިޔަ މި މެޗު ފެށުނުތަނާ މާ ގިނައިރެއް ނުވަނީސް ދުވާފަރުން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ސަންޓޭ ނަގައިދިން ބޯޅައަކުން، ޖާޒީ ނަންބަރު 96، ރޮނާއެވެ. ފުރަތަމަ ލަނޑަށްފަހު ކައުންޓަރ އެޓޭކްގައި ދުވާފަރުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އަމާޒުކުރި ނަމަވެސް ލަނޑެއް ނުޖެހި އުޅެނިކޮށް، މެޗުގެ ދެވަނަ ލަނޑު ދާދި ކައިރީގައި ދުވާފަރަށް ކާމިޔާބުކޮށްދީފައިވަނީ ސަންޓޭ ފޮނުވާލި ބޯޅަ އިނގުރައިދޫ ޓީމުގެ ގޯލް ކީޕަރު ގާސިމް އަތުގައި ޖެހިފައި ނިކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖޯޒީ ނަންބަރު 97، އަޙްމަދު އީސާއެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ފައިނަލް މެޗުގެ ތެރެއިން - ފެށުން ފޮޓޯ: ވިސާމް

ބޯޅަ ބޭރުވުމާއި ގުޅިގެން، ދުވާފަރު ޓީމުގެ ހާފްގެ މެދަކާ ހިސާބުން ރޮނާ ފޮނުވާލި ޖެހުން، ގޯލް އޭރިއާ ތެރޭގައި ހުރި މޫޗީ ކޮންޓްރޯލްކޮށްލާފައި ޖެހި ބޯޅަ ވަރަށް ރީތިކޮށް ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި މެޗުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ދުވާފަރުންނެވެ. ތިން ގޯލުގެ ލީޑަކާއެކު ކުޅެމުންދިޔަ ދުވާފަރަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީވެސް ޖާޒީ ނަންބަރު 99، މޫޗީއެވެ.

04-00 އިން ކުރީގައި އޮވެގެން ފައިނަލް މެޗުގެ ފުރަތަމަ ހާފް ދުވާފަރުން ނިންމާލިއިރު، ދެ ޓީމުގެ ސަޕޯޓަރުންވެސް ދިޔައީ ހުއްޓުމެއްނެތި ސަޕޯޓްދެމުންނެވެ. މި މެޗައި ދުވާފަރުން ޖެހި ފަސްވަނަ ގޯލު އެ ޓީމަށް ރޮނާ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ ފުރަތަމަ ލަނޑުވެސް ޖެހި ރޮނާއެވެ. އޭރިއާ ބޭރުގައި ހުރެފައި ޖެހި ބޯޅަ ސީދާ ގޯލުގެ ތެރެއަށް އަމާޒުކޮށްލިއިރު ބޯޅަ ދިފާއުކުރަން އިނގުރައިދޫ ޓީމަށް މާބޮޑު މަސައްކަތެއް ކުރެވިފައި ނެތެވެ، ފައިނަލް މެޗުގެ ފަހު ގޯލު ދުވާފަރަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 17 އެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ފައިނަލް މެޗުގެ ތެރެއިން - ފެށުން ފޮޓޯ: ވިސާމް

ވޭތުވެދިޔަ އަހަރުގެ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ ތަށި ދުވާފަރުން ނަގާފައިވަނީ އުނގޫފާރުގައި އިނގުރައިދޫއާއި ދެކޮޅަށް ކުޅެ އެ ޓީމު ބަލިކޮށްގެނެވެ. ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ޝަރަފުވެރިކޮށްދެއްވި، މި މުބާރާތުގެ ޗެމްޕިއަން ޓީމް ދުވާފަރަށް 30،000ރ ގެ ފައިސާގެ އިނާމް އަދި ރަނަރ-އަޕް ޓީމް އިނގުރައިދޫއަށް 20،000ރ ގެ ފައިސާގެ އިނާމު ދީފައިވާއިރު، ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލް މިއަދު ކުޅެފައިވަނީ މޫސުން ތަންނުދިނުމުގެ ސަބަބުން އިއްޔެ މެޗު ނުކުޅެވުމުންނެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ފައިނަލް މެޗުގެ ތެރެއިން - ފެށުން ފޮޓޯ: ވިސާމް

މި މުބާރާތް ކުރިއަށް ގެންދިއުމުގައި އިންނަމާދޫ ކައުންސިލާއި މުއައްސަސާތަކާއި ރަށުގެ އެންމެހައި ރައްޔިތުން ކޮށްދެއްވި ބުރަ މަސައްކަތްތަކަށް ރ.އަތޮޅު ކައުންސިލުން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ފައިނަލް މެޗުގެ ތެރެއިން - ފެށުން ފޮޓޯ: ވިސާމް

"މި މުބާރާތުން ފެނިގެން ދިޔައީ އިންނަމާދޫގެ ލޮބުވެތި ރައްޔިތުން މުބާރާތް ބޭއްވުމަށްޓަކައި ވީ ގުރުބާނީ ކުރި ޖިހާދު. އެކަން މުޅި އަތޮޅު ބަލައިގަނެފި. މުބާރާތުން ފެނުނީ ވާދަވެރިކަމުގެ ތެރެއިންވެސް ސުލްހަ ވެރިކަމާއި ކުޅިވަރުގެ ރޫހް މުޅި އަތޮޅުންވެސް އިސްކުރާނެކަން. އަތޮޅު ކައުންސިލުން މިކަމަށްޓަކައި އަތޮޅުގެ އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާ ކުރަން." އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ