އޯޝަން ކަނެކްޓް މޯލްޑިވްސްގެ ފައިބަރ އޮޕްޓިކް ކޭބަލް އިފްތިތާޙް ކުރެވުމަކީ ދިވެހި ޖީލުގެ ފެށުން ކަމަށާއި، ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް ނިޒާމަކަށް ރާއްޖެ ސީދާ ގުޅައިލުމަކީ، ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ކުރެވޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙް މިހެން ވިދާޅުވީ، އޯޝަން ކަނެކްޓް މޯލްޑިވްސްގެ ފައިބަރ އޮޕްޓިކް ކޭބަލް ހުޅުމާލެއާއި ގުޅާލައި، އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
"ސަބްމެރިން ކޭބަލްއާއެކު ދިވެހި ރައްޔިތުން ގޮވައިގެން، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުން ގޮވައިގެން އަޅުގަނޑުމެން ދަތުރު މި ފަށަނީ، މުޅިން އާ ދުނިޔެއަކަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އާ ދުނިޔެއަކަށްވާ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި، މިއީ ހަމައެކަނި މުވާޞަލާތީ ގޮތުން ކުރެވޭ ކަމެއް ނޫން ކަމަށެވެ. ޑިޖިޓަލް ދުނިޔޭގެ އުދަރެސްތައް އެއަށްވުރެ މާފުޅާ ކަމަށާއި، ޒަމާނީ ޞިއްޙީ ޚިދުމަތްތައް ބައްރުތައް ހުރަސްކޮށް އެ ދަތުރުކުރަނީ ޑިޖިޓަލް ސަވާރީއެއްގައި ކަމަށާއި، ސްކޫލްތަކާއި ޔުނިވަރސިޓީތައް އަދި ލައިބްރަރީތައް ގޭގެ ސިޓިންރޫމްތަކަށް އެ ފޯރަނީ، އެންމެ ހަލުވި އިންޓަރނެޓްގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ދުނިޔެ މިއަދު މިދެކޭ ހަލުވި ކުރިއެރުމުގެ އަޞްލަކީ ޑިޖިޓަލް އިޤްތިޞާދު. ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް، ވިޔަފާރީގެ މުޢާމަލާތްތައް ހިނގަމުން އެދަނީ އެއްވެސް ހުއްޓުމެއް، މެދުކެނޑުމެން ނެތި. ޑިޖިޓަލް މުވާޞަލާތުގެ ސަބަބުން އެންމެ ދުރު ކަރަތައްވެސް، ދެ އިނގިލިހާ ކައިރިކޮށްދީފި. ނަމަވެސް، އަޅުގަނޑުމެންނަށް މިއަދާ ހަމައަށް މި އުޅެވެނީ، އެ ދުނިޔެއަށް މުޅިން ނުވަދެވިގެން." ރައީސް ވިދާޅުވިއެވެ.

ޙަޤީޤަތުގައި މިއީ މީގެ އެތައް އަހަރެއް ކުރިން ދިވެހިންނަށް އަލިވިލެންވީ ދުވަހެއް ނަމަވެސް ކައިރީގައި މި އޮތް ދޫނިދޫގައި ބެހެއްޓި ވަޔަރލެސް ސެޓަކުން ރާއްޖޭގައި މުވާޞަލާތީ ޚިދުމަތް ފެށިތާ 80 އަހަރު އަދި ރާއްޖޭގައި އިންޓަރނެޓް ތަޢާރަފް ކުރި ފަހުން 27 އަހަރު ފުރުނުއިރު ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާ އެއް ހަމައެއްގައި ފައި ހަމަކުރުމަކީ، އަޅުގަނޑުމެން އަބަދުވެސް ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިދިޔަ 80 އަހަރުގެ ތެރޭގައި، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރައިގެން ދިޔަ އެއް ދާއިރާއަކީ ޓެކްނޮލޮޖީ އާއި މުވާޞަލާތުގެ ދާއިރާ. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އިންސާނުން އީޖާދުކުރި އާޓިފިޝަލް އިންޓެލިޖެންސް، އިންސާނުން ފަހައި ދުވަމުން ދާއިރު، ދިވެހިން އަދިވެސް ދުވަންޖެހިފައި މިއޮތީ، އިންޓަރނެޓް ސްޕީޑާއި މޯބައިލް ރޭންޖުގެ ފަހަތުން." ރައީސް ވިދާޅުވިއެވެ.

މިއީ އުފެއްދުންތެރި އީޖާދީ ވިސްނުން ހުރި ދިވެހިންނަށް ޙައްޤު މިންވަރެއް ނޫން ކަމަށާއި، ޑިޖިޓަލް ދުނިޔޭގެ ދުވެލީގައި ދިވެހިން ކުރިއަރައި ގޮސް، ޙައްޤު މިންވަރު ލިބެން އޮތީ، ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް ނިޒާމެއްގެ ތެރެއަށް ދިވެހި ޖަޒީރާތައް ވަދެ ލާމެހިގެން ކަމަށާއި، ދިވެހި ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ އޯޝަން ކަނެކްޓް މޯލްޑިވްސް އުފެއްދުމުގެ މަޤްޞަދަކީ އެއީކަމަށްވެސް ރައީސް ވިދާޅުވިއެވެ.



