ހުވަދުއަތޮޅު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް އިއުލާންކުރައްވައިފިއެވެ.
މިރޭ އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞޯލިޙް ވިދާޅުވީ، ތިނަދުއަކީ ރާއްޖޭގައި ޤާއިމުކުރި ފަސްވަނަ ސިޓީ ކަމަށެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ޤަރާރުގައި މިއަދު ސޮއިކުރައްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސަށް ލިބިފައިވާ ބާރުގެ ދަށުން ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ރައީސް މިއަދު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ދާދިފަހުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ރައީސް ޞޯލިޙް ތިނަދޫއަށް ވަޑައިގެން ވިދާޅުވެފައިވަނީ ދެން އެރަށަށް ވަޑައިގަންނަވާނީ ތިނަދޫއަށް ސިޓީއެއްްގެ ދަރަޖަ ދީ އެކަން އިއުލާން ކުރައްވަން ކަމަށެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވިގޮތުގެ ތަފްސީލު އަދި ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.