ދިވެހިރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުމުގެ ފުރުޞަތު ހުޅުވާލައްވާނެކަމަށާއި، ދޮށީގެ މަސްވެރިކަން ކުރާ އުޞޫލަށް އިންޤިލާބީ ބަދަލެއް ގެނެސް ދިވެހި މަސްވެރިންގެ ޖީބުތައް ފައިސާއިން ފުރާލައްވާނެކަމަށް އެމް.އެން.ޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެެވެ.
ނާޒިމް މިހެން ވިދާޅުވީ، ދުވާފަރުގައި މިހާރު ބާއްވަމުންދާ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިކަން ސަރުކާރުން ހަލާކުކޮށްލާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
"ޔަޤީންކުރައްވާ، އަޅުގަނޑުގެ އިރެއްގައި [ވެރިކަމެއްގައި] މަހުގެ އަގަކީ 22ރ އަށް ލިބޭގޮތް ހަމަޖައްސަދޭނެކަން ދަންނަވާލަން. މަސްވެރިކަމަކީ މޫސުމީ ކަމެއް. 4 މަސްދުވަސް އެބަދޭ މަސްވެރިކަމާ ނުލައި. މި ހަތަރުމަހު ރައްޔިތުން ތިބެނީ ވަރަށްބޮޑު މާޔޫންކަމެއްގެ ތެރޭގައި. އަޅުގަނޑު ދަންނަވަންއޮތީ އަޅުގަނޑުމެން ސަރުކާރުތަކުން ދުނިޔޭގައި ހަމަ ދައްކާލިހާ މުއާހަދާއެއްގައި ސޮއިކުރުމެއް ނެތޭ. މިޔަރު މަސްވެރިކަމާ ލޭނު މަސްވެރިކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުޅުވާލައި، ތިބޭފުޅުންނަށް މިޔަރު މަސްވެރިކަމުން ލިބޭ ނަފާ ހޯދައިދޭނަން." ނާޒިމް ވިދާޅުވިއެވެ.
މިކަންކުރަން ވިސްނާފައި އޮތް ގޮތަކީ ރާއްޖޭގައި ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ކޮންމެ އަހަރަކުވެސް މިޔަރު މަސްވެރިކަމަށް ހުޅުވާލުންކަމަށާއި، އޭރުން އެ ސަރަހައްދުތަކަށް ލޭނު މަސްވެރިކަމަށް ދެވޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"ދަންނަވަންތޯ 8 އިންޗިއާއި 11 އިނޗިއާއި ދޭތެރޭގެ މިޔަރެއް ބާނާލީމާ ހަމައެކަނި ގޭގެ އެއް މަސް ދުވަހަށް މީހާ ސަލާމަތްވާނެ. 45،000ރ އަށް އޭތި ވިއްކާލެވޭނެ. ވިއްކާލީމާ އޭގެން މަސްދުވަހުގެ ކަންކަމުން މީހާ ސަލާމަތްވެގެންދިޔައީ." ނާޒިމް ވިދާޅުވިއެވެ.
"މަސްވެރިން މިއަދު ތިބި ނިކަމެތި ހާލަތަކީ މަސްވެރިކަމަށް ދާނެ ޒުވާނުން ނެތުން. މުޅި މަސްވެރިކަމުގެ ސިނާއަތް ސަރުކާރުން މިވަނީ ހަލާކުކޮށްލާފައި. ޒުވާނުންނަށް މި ސަރުކާރުން ވިސްނައިދެނީ ޒުވާނުންނަށް ހައްޤުވާ މުސާރަޔަކީ 8000ރ އޭ. ފެނަކައާއި ރޯޑް ކޯޕަރޭޝަނާއި އެތަންތަނަށް މީހުންނަގައި އެމީހުން އެތިބެނީ އެތަންތަނަށް ލާފައި. މަސްވެރިކަމަށް ދާނެ ހަމަ އެއްވެސް ޒުވާނަކު ނެތް. މަސްވެރިން އުޅެންޖެހޭ ހާލަކީ 17.50ރ އަށް ތެޔޮ ގަނެގެން މަސްވެރިކަމަށް ނިކުމެ މަސް މި ވިއްކަންޖެހޭ އަގަކީ 17ރ. ބައިރުފިޔާ ގެއްލުމުގައި ވިއްކީމާ މިވަނީ ބޭކާރު މަސައްކަތަކަށް. ވިއްކާ މަސްކޮޅަށް ފައިސާ ލިބޭނެގޮތެއް ނެތް. އެ ލިބެނީ އެއްމަސް ފަހުން. ނޫނީ އެއަށްވުރެ ގިނަ ދުވަސްފަހުން. " ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެމަނިކުފާނު ސަރުކާރަކާ ހަވާލުވާނީ މަސްވެރިންގެ އިހްސާސްތައް ވަރަށް ކައިރިން ދަނެގެން ކަމަށާއި، ޒަމާނީ ފެންވަރުގެ މަސްދޯނިފަހަރު ބަނދެ ޒުވާނުންނަށް ހަވާލުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ ފުރަތަމަ ކަމަކަށް މަސްވެރިންނަށް އަދި ޒުވާނުންނަށް މަސްވެރިކަން ކުރުމަށްޓަކައި މަސްދޯނިފަހަރު ބަނުން އެއީ އަޅުގަނޑު ކުރާ އުއްމީދެއް. އެ މަސްދޯނިތައް ބަނދެ ޒާމާނީ ފެންވަރަށް އެ ބަންނަންޖެހޭ. އޭގެތެރޭގައި އާރުއެސްޑަބުލިޔު ސިސްޓަމް ހަރުކުރަންޖެހޭ. އޭގެ ތެރޭގައި ރަނގަޅު ރާޑަރު ސިސްޓަމެއް ހަރުކުރަންޖެހޭ. އޭގައިޮ ސެޓްލައިޓުން މަސްއުޅޭ ތަންތަން ހޯދޭނެގޮތަށް ވަސީލަތްތައް ޤާއިމުކުރަންޖެހޭ. ހަމައެއާއެކީ އޭގައި ދިގުމުއްދަތަކަށް މީހުންނަށް ދިރިއުޅެވޭނެ ގޮތަކަށް ބަންނަންޖެހޭ. މިކަންކަން ހިމެނޭގޮތަށް އަޅުގަނޑުމެން ދޯނިފަހަރު ބަންނާނަން. ދިގުމުއްދަތަކުން ފައިސާ ދައްކައިގެން ދޯނިފަހަރު ލިބޭގޮތަށް އަޅުގަނޑު ތި ހުރިހާ ޒުވާނުންނަށް ހަމަޖައްސައިދޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވާލަން ބޭނުން." ދުވާފަރު ޒުވާނުންނަށް އުއްމީދު އައުކޮށްދެއްވަމުން ނާޒިމް ވިދާޅުވިއެވެ.

މަހުގެ އަގު ކޮންޓްރޯލްކޮށް މަހަށް ލިބެންޖެހޭ ހަމައަގު ނުލިބިގެން އުޅެނީ ދޯނިތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ނުގެނެވިގެން ކަމަށާއި، އެހެންކަމުން ދިގުމުއްދަތުން ދައްކާ ހަލާސްކުރާގޮތަށް މިހާރު ދުއްވާ މަސްދޯނިތަކުގައި ފިނިކުރާ ނިޒާމް ނުވަތަ އާރުއެސްޑަބްލިޔު ނިޒާމް އަޅައިދެއްވާނެކަމަށާއި، ހަމައެއާއެކީގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސް ހުންނަ ތަންތަން ހޯދާ ވަޒީލަތްތައް ޤާއިމުކޮށްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ދިވެހީންނަށް މިއަދު ޖައްސާފައި އޮތް ހާލަކީ ވިސްނައިދެނީ ދިވެހީން ޖެހޭނީ ހަމައެކަނި ދޮށިން ފަހަރަކު މަހެއް ބާނާލަ ބާނާލަ ތިބެން ކަމަށާއި، އެ ވިސްނުމުގައި ތިބެން ނުޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑާއެކު ތިއްބަވާ. އިރާދަކުރެއްވިއްޔާ މަސްވެރިކަމަށް ބޮޑެތި ބަދަލުތަކެއް ގެންނާނަން. މަސްވެރިންގެ ޖީބަށް ލާރި އަޅާ އަޅާ ޖީބުތައް ފުރާލާނަން." މަސްވެރިންނަށް އުއްމީދު އައުކޮށްދެއްވަމުން ނާޒިމް ވިދާޅުވިއެވެ.




