ކާނަލް ނާޒިމް - ފޮޓޯ: ވަގުތު

ޤާނޫނުތަކާއި ޚިލާފު ޖަރީމާތަކެއް ހިންގަން ޔާމީން އެންގެވި - ނާޒިމް

ޤާނޫނާއި ޤަވާއިދާ ޚިލާފު ޖަރީމާތަކެއް ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބާރު އެޅުއްވިކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ ދަނގެތި ދާއިރާގެ އިންތިޚާބީ މެންބަރު ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މުޙައްމަދު ނާޒިމް ވިދާޅުވީ، ރައީސް ޔާމީނަކީ އެމަނިކުފާނު ބޭނުންވާ ކަމެއް ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށްވެސް ކުރައްވާ ބޭފުޅެއް ކަމަށާއި އެކަންކަން ކުރައްވަނީ ވަޒީރުން މެދުވެރިކޮށް ކަމަށެވެ. އަދި ޖަލަށް ދާން ޖެހުނީ އެގޮތަށް އެންގެވިހާ ކަންކަން ނުކުރުމުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ވަރަށް ގިނަ ކަންތައްތަކެއް ޤައުމުގައި ހިނގައިގެންދިޔަ. ރައީސް ޔާމީން ބޭނުންފުޅުވި ވަރަށް ގިނަ ހަރަކާތްތަކެއް ހިނގުވަން ޚައްސަކޮށް ޑިފެންސް މިނިސްޓަރަކަށް އަޅުގަނޑު ހުރީމައާއެކު، އެހެންނަމަވެސް އެކޮންމެކަމަށް އަޅުގަނޑު ބުނެފައި އޮންނާނީ ނޫނެކޭ ޤާނޫނާއި ޤަވާއިދާއި ޚިލާފުއެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރި ނުވާނަމޭ. އެއީ އަސްލުގައި މައްސަލަޖެހެން ދިމާވި އެއް ސަބަބަކީ" ނާޒިމް ވިދާޅުވިއެވެ.

ވަޒީރުކަމުން ވަކި ކުރުމުގެ ބަދަލުގައި ޖަލަށް ލުމަށް ނިންމީ ސަރުކާރުގެ ތެރެއިން ކޮށްފައިވާ ކަންކަން ރައްޔިތުންނަށް ހިއްޞާކޮށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން ކޮށްފައިވާ ޖަރީމާތަކުގެ އަސްލު ރައްޔިތުންނަށް ހާމަވެގެން ހިނގަައިދާނެތީ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ވަކިކޮށްފިނަމަ އަޅުގަނޑަށްވެސް ވަރަށް ގިނަ ހަޤީގަތްތަކެއް އެެނގޭނެ. ސަރުކާރުގެ ތެރޭގައި ހިނގަމުންދިޔަ ވަރަށް ގިނަ ވާހަކަތަކެއް އަޅުގަނޑަށްވެސް އިނގޭނެ އަދި ކުރަން ރާވާފައިހުރި ކަންކަމުގެ މައުލޫމާތު އަޅުގަނޑު އަތުގައި ހުންނާނެ. އެވާހަކަތައް ދައްކަފާނެކަމަށް ބަލާފަހެން ހީވަނީ އަޅުގަނޑު ވަކިކޮށް ގެޔަށް ފޮނުވާނުލީ. އޭގެ ބަދަލުގައި އަޅުގަނޑު ޖަލަށްލީމަ އަޅުގަނޑުގެ އަނގަބައްދަން މަސައްކަތްކުރީ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާ ޖަލަށް ލުމަށް، އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަޙްމަދު އަދީބާ، ކުރީގެ ޕޮލިސް ކޮމިޝަނަރ ރައީސް ޔާމީނާއެކު މަޝްވަރާކުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި، އެބޭފުޅުންގެ ބައިވެރިވުން އެކަމުގައި އޮތުމުން އެކަމުގެ ފުރިހަމަ ތަޙްޤީގެއް ކުރަންޖެހޭކަމަށެވެ.

ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނިކޮށް، ފަހުން ސުޕްރީމު ކޯޓުން ޙުކުމް ބާތިލް ކޮށްފައިވާ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ވިދާޅުވީ ދަޢުލަތުގެ ދިފާޢީ ވަޒީރު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުންނަށް ވަދޭވޭނީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކަށް އެނގިގެން ކަމަށެވެ.

އޭރު ފުލުހުން އެނާގެ ގެއަށްވަދެ ހިންގި ބޮޑު ޖަރީމާ ބަލަންޖެހޭކަމަށާއި މިހާރު އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުންގެ ތެރެއިންވެސް އެކަންކުރި މީހުން ނުހޯދިއްޖެނަމަ ރައްޔުތުން ފުލުހުންނާދެމެދު ދެކޭގޮތް ބަދަލުވެގެންދާނެކަމަކަށްވުމުން އެކަމުގެ އެންމެ ފުނަށް ދާންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ