ކާނަލް ނާޒިމް - ފޮޓޯ: ވަގުތު

ކާނަލް ނާޒިމްގެ މައްސަލައެއް އެމްޑީޕީން ކޮމިޝަނަށް ހުށަހަޅައިފި

ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ދަނގެތީ ދާއިރާއަށް ވާދަކުރާ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމްގެ މައްސަލައެއް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ، ނާޒިމްގެ ނަމުގައި އޮންނަ "ނާޒިމް އަފާފު ފައުންޑޭޝަނުން" ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ދަނގެތީ ދާއިރާގެ ރަށްރަށަށް ވަކިކަންތައްތަކެއް ކޮށްދޭނެކަމަށް ބުނަމުންދާ މައްސަލައެވެ.

އެމްޑީޕީން މިރޭ ވިދާޅުވީ، މިމައްސަލަ އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ބުރާސްފަތި ދުވަހު ހުށަހަޅާފައި ވާނެ ކަމަށެވެ.

އެމްޑީޕީން އިތުރަށް ބުނީ މާޗް 04 ވަނަ ދުވަހު ނާޒިމުގެ ކެމްޕޭނު ވައިބަރ ގްރޫޕްގައި ދަނގެތީ ކައުންސިލަރު ރަމްޒީ ލިޔުނު ޕޯސްޓެއްގައި، ދަނގެތީ" ހަނދުރުބާގިޑިގޭގެ" ހުރިހާ ޚަރަދެއް ފަންޑުކޮށް ދެއްވީ "ނާޒިމް އަފާފް ފައުންޑޭޝަނުން" ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އިންތިޚާބާގުޅިގެން ކެންޑިޑޭޓަކު ތާއީދުހޯދުމަށްޓަކައި ވަކިފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޢާންމުފައިދާއަށްޓަކައި އެއްޗެއް ދިނުންނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިންކަމެއް ކޮށްދޭނެކަމަށް ބުނުމަކީ ކުށެއްކަމުގައި އިންތިޚާބާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

މި މައްސަލައިގައި އެމްޑީޕީ ދަނގެތީ ދާއިރާއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވަނީ، މި ފަދަ ޢަމަލުތަކަށް ކިޔަނީ "ހޮޅިންނަށް ދިގުރަށް ދެއްކުން" ކަމަށްވާއިރު، ވާނުވާ ނޭނގި، މީސްތަކުންނަށް އިރުޝާދާއި ވަޢުދުވުމުގެ މަސައްކަތް ޖޭޕީ ކެންޑިޑޭޓު ކުރަމުންދާތީ، އެކަންކަން އިންތިހާއަށް ކުށްވެރިކުރާކަމަށެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބައްލަވާނެ ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް