ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާކަމުގެ މައްސަލައަށް ގޯއްޗާއި، ފްލެޓް ދިނުމުން މުޅިން ހައްލު ނުލިބޭ ކަމަށާއި، ގެދޮރުއަޅަން އަތްފޯރާ ފަށުގައި ލޯނު ހަމަޖައްސަވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ކުޅުދުއްފުށި ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިރެއެވެ.
ކުޅުދުއްފުށި ސިޓީއަށްވެސް އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ގެދޮރުވެރިކަން ކަމަށާއި، ގެދޮރުވެރިކަމަކީ އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމަށް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަ އިތުރަށް އަމާޒުކުރެއްވީ މުޅި ދިވެހިރާއްޖެއަށެވެ.
"ގެދޮރުވެރިކަމަކީ ހަމައެކަނި ގޯތި ދިނުމާއި ފްލެޓް އެޅުމެއް ނޫން. ގޯއްޗެއް ދިނަސް އަދި އެތާކު ގެދޮރެއް ބިނައެއްނުވޭ. ގެދޮރުބިނާކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތު އެންމެ މަތީ ދަރަޖައަށް އެ ސިޔާސަތު ބައްޓަންކޮށްފިނަމަ މިދެންނެވިގޮތަށް ގެދޮރު ބިނާކުރުމަށް ކޮންމެ ރައްޔިތަކަށް ފުރުޞަަތުތައް އެބަ ފަހިކޮށްދެވޭ. ސަރުކާރުގެ ބޭންކިންގެ ނިޒާމުގެ ތެރެއިން (އެމްއެމްއޭގެ ތެރެއިންނާއި، ސަރުކާރުގެ ބޭންކް އަދި އެހެން ބޭންކްތަކުގައި) މިދެންނެވިގޮތަށް ކަންތައްތައް ބައްޓަންކުރެވިގެން ދާންޖެހޭ. ރައްޔިތުންނަށް އަތްފޯރާފަށުގެ އެފޯޑަބަލް ހައުސިން ލޯނު ލިބޭގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަންވާންޖެހޭ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އަތްފޯރާ ފަށުން ގެދޮރު އެޅޭނެ ލޯނު ސްކީމްތައް ތައާރަފްކުރެވިގެންދާނެ ކަމަށާއި، އެއީ 5 ޕަސެންޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓްގައި ދެވޭ އަދި މި ބަހައްޓަންޖެހޭ އިކުއިޝަން ކޮމްޕޯނަންޓަކީވެސް އަތްފޯރާފަށުގެ އަދަދަކަށްވާ ލޯނުތަކަކަށް ވެގެންދާނެ ކަމަށެވެ.
"ވަކި ޝަރުތަކެއް ހަމަވެގެން އެ ލޯނުތައް ލބޭނީ، އެހެންނަމަވެސް އެންމެ ފުރަތަމަ (ފަސްޓް ހޯމް) ގެދޮރު އަޅާ ފަރާތަށް އިސްކަންދެވޭނެ. ގޯތި އޮވެފައި ގެދޮރު އެޅިފައި ނުވާ ފަރާތްތަކަށް ގެދޮރު އެޅޭނެ ގޮތްތައް ފަހިވެގެން ދިއުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ޔަޤީންވެގެންދާނެ ކަންކަން. މީގެ އިތުރުން ގެ އަޅަންފަށާފައި ހުއްޓިފައި ހުރި ގެތައްވެސް ހުންނާނެ. އެހެން ނިންމަންހުރި ހައުސިންގ ކޮމްޕްލީޝަން ލޯނާއި އަދި ބޭންކަން ވަނުމަށްޓަކައި ދައްކަންޖެހޭ އިކުއިޒިޝަން ކޮމްޕޯނަންޓް 20 ނުވަތަ 30 އިންސައްތަ އެ އަދަދު ދެވޭނެ ހާއްޞަ ފަންޑިންގ ސްކީމްތައް ތައާރަފްކުރެވިގެންދާނެ." މުއިއްޒު ވިދާޅުވިއެވެ.
އަދި މީގެ އިތުރަށް ސަރުކާރުގެ ބަޖެޓުން އެޗްޑީއެފްސީގައި މިހާރުވެސް އިންނަ ބޭނުންނުކުރާ ހައުސިންގ ފަންޑު ބޮޑުކޮށް، އެ ފަންޑުގެ ތެރެއިން މިފަދަ ރަށްތަކާއި މިދަފަ ސިޓީތަކުގައި ގެދޮރު އެޅުމަށްޓަކައި ލުއި ލޯނު ލިބޭނެ މެކޭނިޒަމް އިރާދަކުރެއްވިއްޔާ ޤާއިމުކުރެވިގެންދާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.



